ހެލިކޮޕްޓަރުގެ ހިދުމަތަށް ބަޔަކު ހޯދަން އަލުން ހުޅުވާލަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ދޭނެ ބަޔަކު ހޯދަން އަލުން އަންނަ މަހުގެތެރޭގައި ހުޅުވައިލަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު މިއަދު ހާޒިރު ކުރުމުން މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކުގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާޙިމް (ކުޑޫ) ވަނީ މި އަހަރުގެ މާޗްގައި ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާ ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ކަމަށް ބަލައގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭން ޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ހުޅުވާލި ފުރުސަތުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށް ދިޔަ އިރު،ދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާއިފަވާ މިންގަނޑުތައް މާ ބޮޑު ކަމަށް ކުންފުނިތަކުން ފާހަގަކުރި ކަމަށް އަމީން ވިދާޅުވި އެވެ.
"އެހެންވީމަ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންގައި ހިލޭ އެހީ ދޭން ޖެހޭ ގޮތަށް ހިމެނީ. ނަމަވެސް އެވަރު ބޮޑުކަމަށް ކުންފުނިތަކުން ހާމަކުރުމުން، އޭރުގެ އާރްއެފްޕީ ޤާނޫނީ އިމުގެ ތެރެއިން މިހާރު ވަނީ ބާތިލުކޮށްފައި." އޭބަ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ކުންފުނިތަކުގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، އަލުން ޕްރޮޕޯސަލް މިންގަނޑުތައް އެކަށައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގތުން ކުންފުނިތަކުން ޝަޢުގުވެރިކަން ހުށައެޅުމާއި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
"ކުރީގެ ތަޖުރިބާއަށް ބަލާފައި އާރްއެފްޕީ އަށް ލުއި ބަދަލުތަކެއް ގެންނާނަން. ޑިސެމްބަރުގެ ކުރިން ހުޅުވާލައި އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ