އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހުންނަވާނީ، ރޭ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލާ އެކު ކަމަށް ފައްޔާޒުގެ ކުރިން އެ ޕާޓީގެ ޗެއާޕާސަންކަން ކުރެއްވި ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމާއި އެ ކަމާ ގުޅިގެން ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ފައްޔާޒު ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވަނީ އެ ކަމަށް ހަމަހަމަ ފުރުސަތެއް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.
ފައްޔާޒަކީ ރިޔާސީ ޕްރައިމަރީއަށް މިހާތަނަށް އެހާ ހާމަކޮށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހަމައެކަނި ލީޑަރެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ޕާޓީގެ އެތެރޭގައި ކެމްޕެއިން ދަނީ ކުރަމުންނެވެ.
ތަފްސީލް - ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އަބަދު ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ހުންނެވި ހަސަން ވިދާޅުވީ، ފައްޔާޒުގެ ނިންމެވުމަކީ ވަރަށް ހިތްވަރުގަދަ އަދި ކެރޭ ނިންމެވުމެއް ކަމަށެވެ.
"މިއަށް ވުރެ އަދި އަޅުގަނޑު މާ އުފާކުރާނަން، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒާއެކު ހުންނަވަން. ގައިމު ވެސް އޭގެ އެކަކަށް އަޅުގަނޑު ވާނަން. ފައްޔާޒަށް އިތުރު ހިތްވަރާއި ސިޔާސީ ކުރިމަގު އިތުރަށް އުޖާލާވުމަށް އެދެން،" ހަސަން ލަތީފް ލިއުއްވާފައިވެ އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތް ފަހުން ހިނގި ދެބަސްވުންތަކުގެ ތެރެއިން ނަޝީދުގެ ވަފާތެރިން ޕާޓީ ދޫކޮށް އުފެއްދި ޑިމޮކްރެޓްސްގެ ފުރަތަމަ ވަގުތީ ޗެއާޕާސަންގެ މަގާމާއި ފުރަތަމަ ރައީސްގެ މަގާމު ވެސް ފުރުއްވީ ހަސަން ލަތީފެވެ. ހަސަން ލަތީފަކީ ނަޝީދުގެ އެންމެ އަރިސް އެކަކެވެ.
މިހާރު މަންޒަރު ފެންނަ ގޮތުން ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ ޓީމާއި ފައްޔާޒުގެ ޓީމު ތިބޭނީ އެކީގަ އެވެ.
ފައްޔާޒުގެ ސިޓީގެ ތަފްސީލް - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު ރޭ ފޮނުވި ދިގު ސިޓީގައިވާ ގޮތުން، އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އެ ޕާޓީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެހެން އޮތުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުން ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަ ކަމަށާއި ޕާޓީގެ މަސައްކަތްތަކަށް އޭގެ ސަބަބުން ހިޔަނި އެޅޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ހުންނާނީ ފައްޔާޒާ އެކު: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ