މުހައްމަދު ރަފީގެ މިއުޒިކީ ކެރިއަރު ނައްތާލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް އާއިލާއިން ބުނެފި
އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ މުހައްމަދު ރަފީގެ މިއުޒިކީ ކެރިއަރު ހަލާލުކޮށް ނެތިކޮށްލުމަށް އިންޑިއާގެ ވަރަށް މަޝްހޫރު ދެ ލަވަކިޔުންތެރިއަކު މަސައްކަތް ކުރިކަމަށް ތުހުމަތުކޮށް ރަފީގެ އާއިލާއިން ވާހަކަ ދައްކައިފިއެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަފީގެ ދަރިފުޅު ޝާހިދު ރަފީއު ދާދިފަހުން އިންޑިއާގެ ނޫސް ރިޕޯޓަރު ވިކީ ލަލްވާނީއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ބައްޕަ މުހައްމަދު ރަފީ އަކީ އޭރު މިއުޒިކީ ދާއިރާގައި މަސައްކަތްކުރި ހުރިހާ އެންމެންނާ ވެސް ވަރަށް ރަނގަޅު ގުޅުމެއް ބޭއްވި މީހެއް ކަމަށެވެ. އެހެންނަމަވެސް މަޝްހޫރު މަންގޭޝްކަރު ދެބެއިންނާ އެކު އޮތް ގުޅުން އެހާ ރަނގަޅު ނޫން ކަމަށް ޝާހިދު ވަނީ ބުނެފައެވެ. މިހާތަނަށް އިންޑިއާގެ މިއުޒިކީ ތާރީޚުގައި ދުށް އެންމެ ކާމިޔާބު އަދި ރަން އަޑުގެ ވެރިން ކަމަށްވާ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އާއި އާޝާ ބޯސްލޭ ވަނީ ރަފީގެ ކެރިއަރު ހަލާކޮށްލުމަށް އޭރު މަސައްކަތްކޮށްފައި ކަމަށް ޝާހިދު ވަނީ ތުހުމަތުކޮށްފައެވެ. އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދުު ރަފީ، ލަތާ މަންގޭޝްކަރު އަދި އާޝާ ބޯސްލޭ--ފޮޓޯ/ޕިންކްވިލާ އޭރު ބައްޕަ މުހައްމަދު ރަފީއަކީ މިއުޒިކީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުންދިޔަ ތަރިއެއް ކަމަށާއި އެކަމާ އާޝާ ބޯސްލޭގެ ދެބެއިން ހަސަދަވެރިވި ކަމަށް ވެސް ރަފީގެ ދަރިފުޅުގެ އިންޓަވިއުގައި ވަނީ ބުނެފައެވެ. ބައެއް މީޑިއާތަކުން 1970އިގެ އަހަރުތަކުގެތެރޭ ބައްޕަ ޑިޕްރެސްވެފައިވާ ކަމަށް ބުނެ ޚަބަރު ފެތުރި ނަމަވެސް އޭރު ރަފީގެ ލަވަތަކަށް ފާޑުކިޔުނު މީހުން 70އިގެ އަހަރުތަކުގައި ބައްޕަގެ އަޑުން ކިޔާފައިވާ ލަވަތައް އަޑު އަހާލުމަށް ޝާހިދު ވަނީ ގޮވާލާފައެވެ. ލަތާ އާއި އާޝާގެ ކިބައިން ބައްޕަ ރަފީ މައާފަށް އެދުނު ކަމަށް ބުނެ ވެސް އޭރު ބައެއް ނޫސްތަކުގައި ލިޔުނު ކަމަށާއި ނަމަވެސް އެއީ މުޅިން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޝާހިދު ވަނީ ބުނެފައެވެ. ޝާހިދު ވަނީ ލަވަކިޔުންތެރިޔާ ލަތާ މަރުވުމުގެ ކުރިން އެ ވާހަކަ ލަތާ ގާތުގައި ވެސް ބުނެފައި ކަމަށާއި އެ ދުވަސްވަރު ވަރަށް ގިނަ ބަޔަކު ވަނީ ލަތާ އާއި އާޝާ ބޯސްލޭއަށް މައާފުކޮށްދިނުމަށް ބައްޕަ ރަފީ ގާތުގައި އެދިފައި ކަމަށް ޝާހިދުގެ އިންޓަވިއުގައި ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ދުނިޔޭގެ ޖިނިއަސް ވާލްޑް ރެކޯޑްއިން ބައްޕައަށް ލިބުނު ފުރުސަތު ލަތާއަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ޝާހިދު ރަފީ ވަނީ ކުރީގެ ލަވަކިޔުންތެރިޔާގެ މައްޗަށްކޮށްފައެވެ. ނަމަވެސް އެ މައްސަލަ މާބޮޑު ކަމަކަށް ނުހަދާ ބައްޕަ ދޫކޮށްލީ ކަމަށް ޝާހިދު ވަނީ ބުނެފައެވެ. އިންޑިއާގެ މިއުޒިކީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އައިކޮނިކް ލަވަކިޔުންތެރިޔާ ވަނީ އިންޑިއާގެ އެކި ބަހުރުވަތަކާއި ބޭރު ޤައުމުތަކުގެ ބަސް ހިމެނޭހެން 25،000އަށް ވުރެ ގިނަ ލަވަ ރެކޯޑުކޮށްފައެވެ. މުހައްމަދު ރަފީ މަރުވީ 1980 ވަނަ އަހަރު އުމުރުން 55 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ