ކޭބަލެއް ބުރިވެ، ހިޔާގެ ހުރިހާ ޓަވަރަކުން ކަރަންޓް ކެނޑިއްޖެ

ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށް އަޅާފައިވާ މައި ކޭބަލް ބުރިވެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ ހިޔާގެ ހުރިހާ ޓަވަރުތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށް އަޅާފައިވާ މައި ކޭބަލް ބުރިވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ކުންފުންޏަކުން މައި ކޭބަލް އަޅާފައިވާ ސަރަޙައްދު ކޮނުމުގެ ތެރޭގައިކަމަށެވެ.
ކަރަންޓު ކޭބަލް ބުރިވެ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރުކުރި 11:30 ހާއިރުއެވެ.
ސްޓެލްކޯއިން ބުނީ އެހެން ޓްރާންސްފޯމަރެއް މެދުވެރިކޮށްނަމަވެސް، ހިޔާ ޓަވަރުތަކަށް ކަރަންޓު ވީއެންމެ އަވަހަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް ހިޔާގެ ގިނަ ޓަވަރުތަކެއް ހުރުމާއެކު ބޭނުންވާ ކެޕޭސިޓީއަށް އެއްފަހަރާ އެހެން ދިމަދިމާލުން ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ބުރިވި ކޭބަލްގެ މަސައްކަތް ޙައްލުކުރުމަށް ގާތްގަނޑަކަށް 3 ގަޑިއިރެއްހާއިރު ނަގާނެކަމަށް ލަފާކުރެވޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ހިޔާގެ 14 ޓަވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ސްޓެލްކޯއިންނެވެ. ބާވީސް ހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިއަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ