މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީކުރި ޕިކްނިކް އައިލެންޑު ކުޑަގިރިން ސަރަހައްދެއް ފަތުރުވެރިންނަށް ކަނޑައަޅައިފި އެވެ.
ކުޑަގިރި ހުޅުވުމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ ކުޑަގިރިއަށް ދަތުރު ދާން ފަތުރުވެރިންނަށް ފުރުސަތު ދެނީ އާންމުން އެރަށަށް އައުން އެންމެ މަދުވާނެކަމަށް ބެލެވޭ ދުވަސްތަކުގައި ކަމަށެވެ.
އެހެން ނަމަވެސް ހުރިހާ ދުވަހެއްގައި ދިވެހިންނަށް އެ ރަށަށް ދެވޭނެކަމަށް ނިއުޝާދު ވިދާޅުވި އެވެ.
Advertisement
ނިއުޝާދު ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ފަތުރުވެރިންނަށް ދެވުނު ނަމަވެސް އެ ރަށުގއި ބިކިނީ ލައިގެން އުޅެން ހުއްދަ ނުދޭނެ ކަމަށެވެ. މިހާރު އެކުލަވާލާފައިވާ އުސޫލުތަކުގައި ކުޑަގިރިއަށް ދިއުމަކީ މީހުން ދިރިއުޅޭ ރަށަކަށް ފަތުރުވެރިން ދިއުމާ އެއްގޮތަށް ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނިއުޝާދު ވިދާޅުވީ ކުޑަގިރީގައި ފަތުރުވެރިން ތިބޭނީ ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ. އަދި ފަތުރުވެރިން މޫދަށް އެރޭނީވެސް ޚާއްސަކޮށްފައިވައިވާ ސަރަހައްދަކަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަ ޖައްސާލަން މޫދަށް އެރެލުމަށް ތައްޔާރުކުރާ މި ރަށަށް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެއެވެ.
އެހެން ނަމަވެސް އެ ރަށަށް ފަތުރުވެރިންނަށް ދެވޭގޮތް ހަދާ ވަކި ބައެއް ފަތުރުވެރިންނަށް ޚާއްސަ ކުރުމާއި ގުޅިގެން ބައެއް ފަރާތްތައް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ ރަށަކީ ކުޑަ ރަށަކަށްވެފައި، ރަށުން ބައެއް ފަތުރުވެރިންނަށް ޚާއްސަކުރުމުން އާންމުންނަށް އޮންނަ ޖާގަ ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަމަށް ފާޑުނިޔާ ފަރާތްތައް ދަނީ ފާހަގަކުރަމުން ނެވެ.
ރައްޔިތުން ދަތުރާން ހެދި ކުޑަގިރިން ފަތުރުވެރިންނަށް ސަރަހައްދެއް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ