މިހާރު މި ފާސްކުރާ ބަޖެޓުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރެވޭނެ: މެމްބަރު ރާއި

މިހާރު މި ފާސްކުރާ ބަޖެޓުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއި ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސްކުރަމުންނެވެ.
މެންބަރު ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިންމާލާއިރު ދުނިޔޭގެ އެއްވެސް ރައީސަކަށް 100 އިންސައްތައަށް ވައުދު ފުރިހަމަކޮށްފަހުރި ތަނެއް ނުދެކޭ ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ދައުރުގައި 90 އިންސައްތައިގެ މަސައްކަތް ރާއްޖޭގައި ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ކުމުންދޫ، ނޭކުރަންދޫ އަދި މަކުނުދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ހިނގަމުންދާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މަކުނުދޫ ދާއިރާގައި މިހާރު ނުކުރެވި އޮތީ އެންމެ ކަމެއް ކަމަށާއި، އެއީ މަކުނުދޫގައި އެއާޕޯޓެއް ތަރައްގީކުރުން ކަމަށެވެ.
އަދި އެކަން ވެސް މިސަރުކާރުން ކޮށްދެއްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އަދި ރާއްޖެތެރޭ ރަށްތައް ތަރަށްގީ ކުރެވުނީ، ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ރައީސަކު ވެރިކަމުގައި ހުރުމުންކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ރައީސް ސާލިހު ވެރިކަމުގައި ނެތްނަމަ ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖެ ތެރޭގައި މި މިންވަރަށް ހަރުދަނާވެގެންނުދާނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ