ކީރިތިކުރައްވަވަމުން ގޮސް ބިންގަނޑު ތެމެންދެން ކަރުނަފޮދު އެޅުއްވެވުމަށްފަހު ރަސޫލް ޞޢޥ ކުރެއްވެވި އިލްތިމާސް-

އެއްދުވަހަކު ޞަޙާބީންނާއިއެކުގައި ހުންނަވަނިކޮށް ބައަކު އެއްވެގެން އުޅޭތަން ފެނިވަޑައިގަތުމުން އެއީ ކޮންކަމަކު އެއްވެގެން އުޅޭ ބައަކުތޯ ރަސޫލް ﷺ ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި އެއީ މީހަކު މަރުވެގެން ވަޅުލަން އުޅޭ ބައަކު ކަމުގައި ދެންނެވުމުން ހިންގަވައިވަޑައިގަތީއެއް ނޫނެވެ. ދުވެވަޑައިގެންނެވެނީއެވެ.  
އެތަނުގައި ދެކަކޫ ބިންމަތީގައި ޖައްސަވައިގެން އިންނަވައި ލޯފުޅުން ފޭބި ކަރުނަފޮދުން ބިންގަނޑު ތެމިގެންދާވަރަށް ކީރިތިކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތައްޔާރުވާންވީ މިކަމަށެވެ." އެގޮތަށް 3 ފަހަރު ތަކުރާރުކުރެއްވެވިއެވެ.  
ނިކަން ވިސްނައިލަބަލާށެވެ! މީހެއްގެ ލޮލުން ފައިބާ ކަރުނައިން ތުނބުޅި ތެމި ބިމަށް ކަރުފައިބައި ބިންގަނޑު ތެމޭނީ މީހަކަށް ކިހައިވަރަކަށް ރޮވުމުންނެވެ. ކިހައި ގިނަ ކަރުތަކެއް އޮހޮރުމުން ހެއްޔެވެ؟ މިބަޔާންކުރީ އެހައި ބޮޑަށް ރަސޫލް ﷺ ކީރިތި ކުރައްވަވައި ކަރުނަފޮދު އެޅުއްވެވި ވާހަކައެވެ.  
ދެން ނިކަން ވިސްނައިލަބަލާށެވެ! އެކަމަކަށް ސަމާލުކަންދީ ތައްޔާރަށް ތިބެން ވިދިވިދިގެން ރަސޫލް ﷺ 3 ފަހަރަށް ކަމެއްގެ ވާހަކަ ޙަދީޘްފުޅު ކުރައްވަވާނީ އެއީ ކިހައި މުހިންމުކަން ބޮޑު ކަމަކަށްވުމުން ހެއްޔެވެ؟  
މިބަޔާންކުރީ އަހަރެމެން ތައްޔާރުވާން ސަމާލުކަންދޭންޖެހޭ މިންވަރެވެ. މިވާހަކަ ކިތަންމެ ދިގުކޮށްވެސް ދެއްކިދާނެއެވެ. ވިސްނޭނީ އެމީހަކު އެކަމަށް ސަމާލުކަން ދިނީމައެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިވަރުންވެސް ފުދޭނެއެވެ.  
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ