އަލް ނަސްރު ކަޓުވާލުމަށް ފަހު އަލް އިއްތިހާދު ފައިނަލަށް!

ސައުދީ ސުޕަ ކަޕް ސެމީފައިނަލްގެ ދެވަނަ މެޗުގައި އަލް އިއްތިހާދު އެފްސީ އާއި ވާދަކޮށް 3-1 ބަލިވެ އަލް ނަސްރު މުބާރާތުން ކަޓައިފިއެވެ. 
ސައުދީ ވެރިރަށް ރިޔާޒުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ހާފުގައި އަލް އިއްތިހާދު އިން  ދެލަނޑުގެ ލީޑެއްނެގި އިރު، މި މެޗަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރު ޓީމާއި ގުޅުނު ފަހުން އެޓީމު ބަލިވި ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުއިން ގިނަ އިރު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި އެޓީމަށް އަލް އިއްތިހާދުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް މިހާފުގައި އަލް އިއްތިހާދުން ވަނީ ކައުންޓާ އެޓޭކުގައި އަލް ނަސްރުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
Advertisement
ނަތީއްޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ރޮމާރީނިއޯ ވަނީ އެޓީމަށް ލީޑު ހޯދައި ދީފައެވެ. މިއީ އެޓީމުގެ ޢަބްދުއްރަޙްމާން އަލްޢުޤޫދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އަލް އިއްތިހާދު އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އަލް އިއްތިހާދުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފޯވާޑް އަބްޑޭރަޒަކް ހަމްދުالله އެވެ. މިއީ ބުރެޒިލްގެ ފޯވާޑް ރޮމާރީނިއޯ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮއްހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން އަލް ނަސްރުން ފެށީ ދެ ބަދަލަކާއެކުގައެވެ. އަދި މިހާފުގައި އެޓީމު ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ކުރަމުންއައި މަސައްކަތް ކާމިޔާބުވީ 67 ވަނަ މިނެޓުގައި އެޓީމުގެ ބުރެޒިލް މިޑްފީލްޑަރ އެންޑަސަން ޓަލިސްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. މެޗުގެ ނަތީއްޖާ އެއްވަރުކުރެވޭތޯ އަލް ނަސްރު މުޅި ޓީމު ކުރިއަށްޖެހިގެން ކުޅެމުންދިއުމުގެ ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ އިތުރު ވަގުތުގައި އަލް އިއްތިހާދުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުން ތިން ވަނަ ލަނޑެއް ކާމިޔާބުކުރިއެވެ. 
މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުދީ އަރަބިއާގެ ޑިފެންޑަރ މުހަންނަދު ޝާންކީތީ އެވެ. މިއީ އެޓީމުގެ ބުރެޒިލް ފޯވާޑް  ރޮމާރީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާ އެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 3-1 އަލް އިއްތިހާދު މޮޅުވެގެންނެވެ. ފައިނަލްގައި އިއްތިހާދު ވާދަކުރަން ޖެހޭނީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އަލް ހިލާލް އަތުން 1-0 ން މޮޅުވި އަލްފީހާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ