ބ.އޭދަފުއްޓަށް ދިމާވެފައި އޮތް ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް 1.2 މެގަވޮޓްގެ ޖަނަރޭޓަރ ސެޓެއް އެރަށަށް ގެންގޮސްފިއެވެ.
އޭދަފުށީ ފެނަކަ ބުރާންޗުން ވިދާޅުވީ، ސަރުކާރުން އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގެންދިޔަ މިޖަނަރޭޓަރ ސެޓްގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ދުވަހަށް ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެކަމަށެވެ.
1.2 ގެ މި ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެމަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ފެނަކަ އޭދަފުށީ ބުރާންޗުން ވިދާޅުވިއެވެ. މި ޖަނަރޭޓަރ ސެޓް އިސްޓޯލްކޮށް ނިމި ކަރަންޓް ފޯރުކޮށްދޭން ފެށުމުން އިތުރު ޖަނަރޭޓަރ ސެޓެއް އޯވަހޯލްކޮށް ނުވަތަ މައްސަލައެއް ދިމާވާ ހަލާތްތަކުގައި ރަށުން ކަރަންޓް ކަނޑާނުލާ އެކަމެއް ހައްލުކުރުމަށް ފަސޭހަ ވެގެންދާނެކަމަށްވެސް އޭދަފުށީ ފެނަކައިން ވިދާޅުވިއެވެ.
އޭދަފުއްޓަށް ދިމާވެފައިވާ އެންމެ އަސާސީ އެއް މައްސަލަކަމަށްވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ އެރަށަށް މީގެ ކުރިން 1 މެގަވޯޓުގެ ޖަނެރޭޓަރު ސެޓެއްވެސް ފޯރުކޮށްދީފައެވެ. އަދި އެ ޖަނެރޭޓަރުން ރަށަށް ދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ. މިހާރު އެރަށަށް ކަރަންޓް ފޯރުކޮށްދެނީ 300 ކިލޯވޮޓް އާއި 600 ކިލޯވޮޓް އާއި 800 ކިލޯވޮޓްގެ އިތުރުން 1 މެގަ ވޮޓްގެ ޖަނަރޭޓަރ ސެޓް މެދުވެރިކޮށެވެ.
އެރަށަށް ދިމާވެފައި އޮތް ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިންމު އަނެއް މަސައްކަތަކީ ކޭބަލް ނެޓްވޯކް ބަދަލުކޮށް ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތެވެ.
ރަށުގެ އެކިއެކި ހިސާބުތަކަކަށް ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ރަށުގެ 5 ސަރަހައްދެއްގައި ޓްރާސްފޮމަރުތައް ބަހައްޓާ ކޭބަލް ނެޓްވޯކް ބަދަލު ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
މިރަށުގައި މިހާރު ބެނުން ކުރާ ކޭބަލް ނެޓްވޯކް އަކީ 1995ވަނަ އަހަރު ހިސާބުގައި އަޅާފައި އޮތް ކޭބަލް ނެޓްވޯކެކެވެ.
1.2 މެގަވޯޓުގެ ޖަނެރޭޓަރު ސެޓަކާއެކު އޭދަފުއްޓަށް ކަރަންޓުގެ ޔަޤީންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ