މިހާތަނަށް މޮޅުވެފައިހުރީ ގާސިމް އަރާ ކޮޅެއް: ރިޔާޒް ރަޝީދު

މިހާތަނަށް އިންތިހާބެއް ކާމިޔާބު ވެފައިވާނަމަ، ކާމިޔާބު ވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަރާ ކޮޅަކަށް ކަމަށް ވިލުުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ގައުމީ ކޮންފަރެންސް މައުލޫމާތު ހިއްސާކުރަމުން ރިޔާޒް ރަޝީދު ވިދާޅުވީ މިއަދު ގާސިމް އަރިހުގައި ތިބީ ކޮންމެ ސިޔާސީ ޕާޓީއަކުންވެސްބަލައިގަންނާނެ ބޭނުންތެރި މުހިއްމު މީހުން ކަމަށެވެ.
ދެން މިދިޔަ އިންތިހާބު. 2018 ގެ އިންތިހާބު. ކިހިނެތްތޯ ވީ. ޕާޓީގައި ގާސިމް އިބްރާހިމް ދެއްތޯ މި ނިންމަވަނީ. އެމަނިކުފާނު އަރުއްވާ ކޮޅަކަށް މިހާތަނަށް އިންތިހާބުތައް ކާމިޔާބު ކުރެވިފަހުރީ.
ބައެއް ބޭފުޅުން ގާސިމް އަށް ޕްރެޝަރ ކުރާކަމަށް ބުނި ނަމަވެސް ގާސިމް އަކީ އަމިއްލައަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
އެކަން ތިބޭފުޅުން ބައްލަވާ އެބޭފުޅުންގެ އަމިއްލަ ވިޔަފާރީގައި ނިންމަވާ ނިންމެވުންތައް. ހޯއްދަވާފައި ހުރި ކުރިއެރުންތައް. ކާމިޔާބީތައް. ސިޔާސީ ގޮތުން ހޯއްދަވާފައި ހުރި ކާމިޔާބީތައް. އެހެންވީމަ އެކަހަލަ ވާހަކަ ދެއްކީމަ އަޅުގަނޑުމެން އެއަށް ޖަވާބް ދޭކަމަށްވަންޏާ ވަރަށް ވަގުތު ނަގާނެ.
ރިޔާޒް ވިދާޅުވީ އެބޭފުޅުން ތިބީ ގާސިމް އަރިހުގައި ގާސިމް އަށް ހިދުމަތް ކުރަން ކަމަށެވެ.
ގާސިމް އަރިހުގައި ގާސިމް ނިންމި ގޮތަކަށް ހިދުމަތް ކުރަން އަޅުގަނޑުމެން މިތިބީ. އެމަނިކުފާނު ނިންމެވީ މާދަން ކޮން ޕާޓީ އަކާ އެކީ ދާންތޯ. ނޫނީ އަމިއްލަ އަށް ނުކުންނަވަންތޯ. ނޫނީ ޕާޓީއަކާއެކު އަނެއްކާވެސް ދާންތޯ. އަޅުގަނޑުމެންތިބޭނީ . އަޅުގަނޑުމެން މައްޗަށް ޝައްކު އުފައްދަނީ ކޮންބައެއްތޯ. އެތެރެއިން ވެސް އުފައްދަފާނެ. ބޭރުންވެސް އުފައްދަފާނެ. އެކަމު އަޅުގަނޑުމެން އިހްލާސްތެރިކަން އޮތީ ގާސިމް އާ އެކުގައި.
ރިޔާޒް ވިދާޅުވީ އެބޭފުޅުން ގާސިމް އާ އެކުގައި ތިބޭނެ ކަމަށެވެ. އަދި އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީ ދޫކޮށް ހިނގައިދާނެ ކަމަށް ދެކެވޭ ވާހަކަތައް ރިޔާޒް ވަނީ ދޮގު ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީއަކީ ރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދެއްވި ޕާޓީއެއް ކަމަށާއި އަދި ކުރިޔަށް ކުރަން ހުރި ކަންތައްތަކުންވެސް ރައްޔިތުންނަށް އުންމީދު އާވެގެންދާނެ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވިއެވެ.
ރައްޔިތުންނަށް އެންމެ ކަންބޮޑުވެފަ ހުންނަ ކަންތައްތަކުގައި އަބަދުވެސް ޖުމްހޫރީ ޕާޓީން ވަކާލާތު ކުރަމުންދާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށް ރިޔާޒު ރަޝީދު  ވިދާޅުވިއެވެ.
ރިޔާޒް ރަޝީދު ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީގެ އަޑުމަޑުވެފައިވަނީ އަދި ކަމެއް ނުކޮށް ތިބީ ކެޕޭސިޓީ ނެތިގެން ނޫން ކަމަށާއި އަދި ވަސީލަތް ނެތިގެންވެސް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ