ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލިކަމުގެ ކުށްސާބިތުވެފައިވާ ހުސެއިން ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
2012 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގެއަށް ވަދެވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް ތޫނު އެއްޗަކުން ހަމަލާ ދީ މަރާލުމުގެ ކުށުގައި ހުމާމްގެ މައްޗަށް ގިސާސް ގިފުމަށް އޮތީ ހުކުމްކޮށްފަ އެވެ. އަދި ޝަރީއީ ހުރިހާ މަރުހަލާއަކުން ކުށްސާބިތުވެ، އެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 2016 ގަ އެވެ.
މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް، އޭނާގެ މައްޗަށް ކުށްސާބިތެއް ނުވި އެވެ.
ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް، އެ ދައުރު ނިމިގެންދިޔަ އިރު ވެސް މަރަށް މަރު ހިފުން ތަންފީޒު ނުކުރެވުނެވެ. އެ މައްސަލައިގައި، ސުވާލު ކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމން އަބްދުލްގައްޔޫމް ވިދާޅުވީ ހުމާމް އެ އަމަލު ހިންގީ ކޮން ސަބަބަކާއި ހުރެކަން މިހާތަނަށް ތަހުގީގަށް ހޯދިފައި ނުވާކަމަށާއި އެ މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ވިދާޅުވީ ތަންފީޒީ މަރުހަލާ ހިސާބަށް ދާން ޖެހޭނީ، ވަރަށް ގިނަ ބައިތަކެއް ފުރިހަމަ ކުރުމަށް ފަހުކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް މި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވި، ނިމިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ފައިސާ އަށް ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އަޑީގައި ތިބީ ކޮން ބައެއް ކަން މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ހުމާމަށް ކުރި ހުކުމް ބަލައިގަތުމަށް، އަފްރާޝިމްގެ އާއިލާއިން ވެސް ދެކޮޅު ހަދާއިރު އޭގެ އެންމެ ބޮޑު ސަބަބަކީ މި މައްސަލަ އަދި އެއްކޮށް ނިމިފައިވާކަމަށް ގަބޫލު ނުކުރާތީ އެވެ. އެހެންވެ، އާއިލާގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ސިޓީއެއް ފޮނުވައި މަރުގެ އަދަބު ދިނުމަށް އިންކާރު ކުރާކަމަށް ބުނި އެވެ. އާއިލާއިން ބުނެފައި ވަނީ ގަތުލުގެ ހަގީގަތާ ހަމައަށް ވާސިލު ވުމުގެ ކުރިން ހުމާމް މެރުމަށް ބޭނުން ނުވާ ކަމަށާއި އަފްރާޝީމް މަރާލުމުގައި ހިމެނެނީ އޭނާ އެކަނި ނޫން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ނުދާތީ އާއި، ހުމާމްގެ އިތުރުން ބައިވެރިވި މީހުން ތަހުގީގަށް ހޯދުމަށް އާއިލާއިން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓަށް ހަނި ދާއިރާއެއްގެ ތެރެއިން މުރާޖައާކުރުމަށް ހުށަހެޅޭނެ އެވެ. އެ އުސޫލުގެ ތެރެއިން ބައެއް މައްސަލަތައް ކޯޓުން މުރާޖައާކޮށްފައި ވެއެވެ.
މަރުގެ ހުކުމް މުރާޖައާކޮށްދޭން އެދި ހުމާމް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ