ހުއްޓުމެއް ނެތި ވެހުނު ވާރެ އާއެކު ހެނބަދޫ ފެނު އަޑީގައި!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނ.ހެނބަދޫގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބިއްޖެއެވެ.
ދެ މޫސުން ބެދޭ ވިއްސާރައާ އެކު ރާއްޖެ ކައިރި އުފެދިފައިވާ ދެ ކޮޅިގަނޑުގެ އަސަރުވެސް މިހާރު ދަނީ ކުރަމުންނެވެ. އެއާއެކު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ރެއިން ފެށިގެން ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ބުނީ މިއަދު ހެނދުނު ނ. ހެނބަދުއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 75 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ހެނބަދޫ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.
ހެނބަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިއަދު ހެނދުނު 6:30 އިން ފެށިގެން އެ ރަށަށް ވެހެން ފެށި ވާރޭ ދެ ގަޑިއިރު ފަހުން ތުނިކޮށްލި އިރު މުޅި ރަށް އޮތީ ފެނު އަޑީގައެވެ. ގިނަ ގެތަކަށް ފެން ވަދެ ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ވަނީ ހަލާކުވެފައެވެ.
2019 ވަނަ އަހަރު އެ ރަށުގައި ފެން ހިންދާ ސިސްޓަމެއް ގާއިމްކޮށްފައިވީ ނަމަވެސް މިއަދު ވާރޭވެހުނީ ފެން ހިންދާ ސިސްޓަމަށް ވެސް ނުކަތާ ވަރަށް ކަމުގައި އޭނާ ބުންޏެވެ.
ބޯކޮށް ވާރޭ ވެހެން ފެށިތާ ގަޑިއިރެއްގެ ތެރޭގައި ރަށުތެރޭގައި ފެންބޮޑުވެފައި ވާއިރު، ފަހުން ހާލަތު ގޯސްވީ، ބިމުގެ އަޑިން ވެސް ފެން އަރަން ފެށުމުންނެވެ.
ނަރުދަމާ ހަލާކުވެ، ރަށުތެރެއަށް ނަޖިސްފެން ލީކުވެފައިވާއިރު، ބައެއް ގެތަކުން ކަރަންޓު ގޮސް، ގޭގައި ނުތިބެވޭ ވަރަށް ހާލަތު ގޯސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސްކޫލަށާއި ރަށުގެ ކުނި ނައްތާލާ މެޝިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މީގެ އިތުރުން، ޅ.ކުރެންދޫ އަދި ނ. ކެނދިކުޅުދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާތީ އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން ކުރަމުން ދާ ކަމުގައި އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ