ނާޒިމަށް އިންސާފުވެރި ޝަރީއަތެއް ލިބުމަށް އެދެން، އެއީ ބަތަލެއް: އުމަރު

ތުހުމަތުތަކެއްގައި ހައްޔަރުކުރެވި ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ "ބަތަލެއް" ކަމަށާ ނާޒިމްގެ މައްސަލައަށް "އަތް ބޭނޭނަމަ ބާނައިގެން ހުއްޓުވާނެ" ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ނާޒިމަކީ މި ގައުމަށް ވަރަށް ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިފަހުން ގައުމަށް ދިމާވި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނާޒިމް ދައްކުވައިދީފައިވަނީ ނަމޫނާ މިސާލެއް ކަމަށާ ނާޒިމަކީ "ހީރޯއެއް" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާއަކީ ހޯމް މިނިސްޓަރު ކަމަށްވީ ނަމަވެސް ފުލުހުންގެ ބައެއް ކަންކަމަށް އަމުރުކުރުމުގެ ބާރު އޭނާއަށް މިއަދު ލިބިފައި ނެތް ކަމަށާއި އެހެންކަމުން ނާޒިމްގެ މައްސަަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ސާފު ނުވާ ކަމަށެވެ.
"ފުލުހުން އެކްޓްކޮށްފައިވަނީ [އަމަލުކޮށްފައިވަނީ] ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް. އެއްގޮތަކަށް ވެސް އަޅުގަނޑަށް އެނގިފައެއް ނެތް މިކަން. އެއީ ފުލުހުންނަށް އަމުކުރުމުގެ ބާރު އަޅުގަނޑަށް ނޯންނާތީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ނާޒިމަށް އިންސާފްވެރި ޝަރީއަތެއް ލިބި އޭނާ މިނިވަންވުމަށް ދުއާކުރައްވާ ކަމަށާއި އަދި އެއީ ކުރައްވާ އުއްމީދެއް ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ނާޒިމްގެ ޝަރީއަތް ހުއްޓުވޭނެ ބާރެއް ލިބިފައިވާނަަމަ އެކަން ކުރައްވާނެ ކަމުގަ އެވެ.
މިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކާއި މަޝްވަރާކުރާ ފަރާތަކަށް ސަރުކާރުން އޭނާ ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އަބަދުވެސް މަޝްވަރާތަކަށް މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތްތަކާއި ގުޅޭގޮތުން މަޝްވަރާ ނުކުރެވޭނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ