މެމްބަރު ނާޒިމަށް މާދަމާ ހުކުމް އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި، މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ މައްސަލަތަކުގެ ހުކުމް އިއްވުން މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އޭނާ ހިއްސާވާ ނަމީރާ ކުންފުނިން އޮޅުވާލައިގެން ލިޔެކިޔުންތަކެއް ހުށަހަޅައިގެން ސަރުކާރުގެ ހަތަރު މަޝްރޫއުއެއް ކާމިޔާބުކުރި ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަތައް ހުށަހެޅީ، ނާޒިމްގެ މައްޗަށް އެކަނި އެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް ނާޒިމްގެ މައްޗަށް އެ ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެގޮތުން އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެޝަރީއަތަކީ ބެންޗުން ސާފު ކުރަން ހުރި ބައެއް މައުލޫމާތު ސާފު ކުރުމަށް ބޭއްވި ޝަރީއަތެއް ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި އެޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގެ ތަހުގީގު ރިޕޯޓުތަކާއި، ނާޒިމްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ހެކިންގެ ބަޔާންތަށް ހޯދާފަ އެވެ.
އެދުވަހުގެ އަޑުއެހުމުގައި ބެންޗުން ވަނީ މި މައްސަލަތަކާއި ނާޒިމްއާއި ހުރި ގުޅުމަކީ ކޮބާތޯ ދައުލަތާ ސުވާލުކޮށްފަ އެވެ. ދައުލަތުން ބުނެފައިވަނީ މި މައްސަލާގައި ނާޒިމްގެ ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތަށް ބޭނުންކޮށްފައިވާތީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ނާޒިމް ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށެވެ. އަދި މި މައްސަލާގައި ނާޒިމްގެ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ދީފައިވާ ބަޔާންތަކުގައިވެސް ހިމެނެނީ ނާޒިމްގެ ނަން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ވަކީލުންގެ ވާހަކަ ތަކަށް ރައްދު ދެއްވަމުން އެދުވަހު ނާޒިމް ވިދާޅުވީ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާތަކަކީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްގައި ސިޔާސީ ބަޔަކު އުފުލާފައިވާ ދައުވާތަކެއް ކަަމަށެވެ. އެގޮތުން އެ މައްސަލަތަށް އެންމެ ފުރަތަމަ ފެންމަތި ކުރީ ރިޔާސީ ކޮމިޝަނުން ކަމަށާއި، މި މައްސަލާގައި އޭނާއާއި ދެކޮޅަށް ހެކިބަސްދިން އޭނާގެ ކުންފުނީގެ މުވައްޒިފުންނަށް ސިޔާސީ އިސް މަގާމުތަކެއް ދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމަށް ވިޔަސް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ