ސިޔާސީ މަގްސަދެއްގައި އަޅުގަނޑުގެ ނަން ބޭނުން ނުކުރުން އެދެން: މައުމޫން

އެއްވެސް ފަރާތަކުން ސިޔާސީ މަގްސަދެއްގައި އެމަނިކުފާނުގެ ނަން ބޭނުން ނުކުރެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވީ "އެއްވެސް ފަރާތަކުން ސިޔާސީ މަގްސަދެއްގައި އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން، އަޅުގަނޑު ބުނަން ބޭނުންވާ އެއްޗެއް ބުނާނީ އަޅުގަނޑު،" ކަމަށެވެ.
ސިޔާސީ މަގުސަދެއްގައި މައުމޫންގެ ނަން ބޭނުން ނުކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި ވަކި ސަބަބެއް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ވާހަކަފުޅުގައި އޭނާ ގެންދަވަނީ ރައީސް މައުމޫންގެ ނަން ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމިން ހިންގަވާ "އަނިޔާވެރި ޖަރީމާތަކާއި" ގުޅިގެން އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހިތްޕުޅު "ކުދިކުދިވެ ޒަހަމްވެފައިވާ" ކަމުގައި މިހާރަކަށް އައިސް އިމްރާން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މައުމޫން މިއަދު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްތަކުގައި އިމްރާން ދައްކަވާ ވާހަކަތައް ދޮގުކުރައްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ