މަގާމުން ވަކި ކުރަން އުޅެނިކޮށް ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން އެންގި ކްރިމިނިލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމި ސަބަބުތަކަށް ބަލާއިރު، ގާޒީ އިސްމާއިލް ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިޖުރާއަތްތަކާއި ފަނޑިޔާރުންގެ ގާނޫނުގެ ބަޔާންކުރާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވެފައިވާކަން އެ ކޮމިޝަނަށް ވަނީ ސާބިތުވެފައެވެ.ޖޭއެސްސީން ފާހަގަކުރީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލްކޮށް، ބޭރުކޮށްލި ހުކުމުގެ މައްސަލައެވެ. ކޮމިޝަނަށް ފާހަގަވިގޮތުގައި އަދީބުގެ މައްޗަށް ކުރި ހުކުމަކީ ދައުވާކުރުމުގެ މާކުރިން ތައްޔާރުކޮށްފައިވާ ހުކުމެއް ކަމެވެ.މިކަން ކޮމިޝަނަށް ކަށަވަރުކުރެވުނީ ތަހުގީގުށް ހޯދުނު ޕެންޑްރައިވެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމަކުންނެވެ. މި ލިޔުމުގައި ހުރި ނުކުތާތަކާއި، އަދީބުގެ ހުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކަކަށްވުމުން އެކަން ކޮމިޝަނަށް ކަށަވަރު ވެގެންދިޔައެވެ. ޖޭއެސްސީން ބުނީ "އިޖުރާއީގޮތުން ނިންމާ ނިންމުން" ގެ ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވަނީ ކަމާއި އެ ނަމަކީ އާންމު ގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލު ނުކުރެވޭ ކަމަށެވެ.މީގެއިތުރުން ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅޭކަން ފާހަގަވެފައި ވާއިރު، އެ ޕެންޑްރައިވްގައި ވަނީ ވަކި ގަޒިއްޔާތަކެއް ހުރުމުން ވެސް އެ ކޮމިޝަންގެ ނިންމުމަށް ބާރުލިބޭ ކަމަށެވެ. އަދި ގަޒިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ގަޒިއްޔާތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުން ދިއުމުން ފަނޑިޔާރުގެ އަމަލުތަކާ މެދު ސުވާލު އުފެދޭކަމަށެވެ.އަދީބުގެ މައްޗަށް އުފުލި 7 ދައުވާ ބާތިލުކުރި މައްސަލާގައި ގާޒީ ހަސަން އިސްމާއިލް މިދިޔަ އަހަރުގެ ޖުލައި މަހުގައި ސަސްޕެންޑުވެސް ކުރެވުނެވެ. އެހެން ނަމަވެސް، ސަސްޕެންޝަން ނިމުމާއި އެކު އޭނާ ވަނީ މަސައްކަތަށް އެނބުރި ނުކުންނަވާފައެވެ.މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އިސްމާއީލް ރަޝީދު ފޮނުއްވެވި ސިޓީގައި ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ފޮނުވާފަައިވަނީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ކަމަށްވެސް ވިދާޅުވިއެވެ."... ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އަޅުގަނޑު ވަކިކުރަން ނިންމިއިރު އެ ޕެންޑްރައިވް އަކީ އަޅުގަނޑުގެ ޕެންޑްރައިވް އެއް ނޫން. ޕެންޑްރައިވްއާ ގުޅޭ ގޮތުން އަޅުގަނޑާއި ސުވާލެއްވެސް ކުރެވިފައެއް ނުވޭ. ގައިރު ހާޒިރުގައި ފެނުނު ޕެންޑްރައިވް އަކުން ފެންނަ ފައިލްއަކާއި މެދު އަޅުގަނޑު ޒިންމާވުމަކީ ހަމަ ބުއްދި ގަބޫލުކުރާނެ ހަމައެއް ނޫން،"އިސްތިއުފާގެ ސިޓީގައި ޖޭއެސްސީގެ ނިންމުން ސިފަކޮށްފައިވަނީ އިންސާފެއް ނެތް ޒާތީ ނިންމުމެއްގެ ގޮތުގައެވެ. އަދި ވިދާޅުވެފައިވަނީ މިހާތަނަަށް މަސައްކަތް ކޮށްފައިވާނީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތަކީ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަ ގޮތުގައި ކަމަަށެވެ. އަދި ވަކި ފަރުދަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާ އެއް ހޯދާދީ އިންސާފުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ