ގާޒީ އިސްމާއިލްގެ ތަހުގީގު ގެންދިޔައީ ގާނޫނާ އެއްގޮތަށް: ޖޭއެސްސީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލާގައި ގާޒީ އިސްމާއިލް ރަޝީދުގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ނުބެލޭނެ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައި ގާޒީ އިސްމާއިލް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. މަޖިލީހަށް އެ މައްސަލަ ފޮނުވާފައި ވަނިކޮށް އިސްމާއިލް ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލާގައި ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ އެ ކޮމިޝަނުން ތަހުގީގު ކުރިއަށް ގެންދިޔައީ ވަކީލެއްގެ ފުރުސަތު ދިނުމަށްފަހު ކަމަށާއި އަދި އެ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އިސްމާއިލްއަށް ދިނުމުން އެ ފުރުސަތު އޭނާ ދޫކޮށްލެއްވީ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ތަހުގީގުގެ އެންމެ ފަހު އަޑުއެހުމަށް ހާޒިރުވާން އެންގުމުން އެ ފުރުސަތު އަމިއްލައަށް ދޫކޮށްލެއްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީން ހުރިހާ އިޖްރައާތުތަކެއް ފުރިހަމަ ކުރުމަށްފަހު އެވެ. އަދި ގާނޫނުގައި ބަޔާންކުރާ ހުރިހާ ފުރުސަތެއް އިސްމާއިލްއަށް ދީފައިވާނެ ކަމަށާއި އެ ކޮމިޝަނުން ހިންގާ ހުރިހާ ތަހުގީގެއްގައި ވެސް، އެއްވެސް ފަނޑިޔާރެއްގެ ހައްގަށް އުނިކަން އަންނަ ގޮތަށް އެ ކޮމިޝަނުން އަމަލު ނުކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްމާއިލް ވަކިކުރަން ނިންމީ އަދީބުގެ މައްސަލަ އޭނާ ނިންމީ މާ ކުރިން ހުކުމް ތައްޔާރުކޮށް، ޕެންޑްރައިވެއްގައި ސޭވްކުރުމަށް ފަހު އެގޮތަށް އަދީބުގެ މައްސަލަ ނިންމި ކަމަށް ބުނެ އެވެ. އަދި ދައުވާ ހުށަހެޅުމާ ހަމައަށް ނުދަނީސް، ހުކުމް ތައްޔާރު ކުރުމަކީ އެ އަމަލުތަކާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ޖޭއެސްސީން ނިންމާފައިވެ އެވެ.
އަދީބުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެންގީ މައްސަލަ އަލުން ބެލުމަށެވެ. އަލުން މައްސަލަ ބެލުމަށްފަހު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ވަނީ އިއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ