ޖީބުން މަސްތުވާތަކެތި ފެނިގެން އުމުރު ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން ކުރި އަދި ހައި ކޯޓުން އެޙުކުމަށް ތާއިދު ކުރުމުން އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއްގެ މައްޗަށް ދަށު ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އޭނާ މިނިވަން ކޮށްފިއެވެ.
ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން މިނިވަން ވެފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެގެން ޖަލަށް ލާފައި ހުރި ސ.ފޭދޫ ރައިހާނުގެ، އަބްދުﷲ އުނައިސްއެވެ. ސުޕްރީމް ކޯޓަށް އުނައިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބައްލަވާ އެމައްސަލައިގައި އޭނާ އާއި އެއްކޮޅަށް މައްސަލަ ނިންމެވީ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިމައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އަދި ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
އަބްދުﷲ އުނައިސް އާއި ސ. ފޭދު ރީތިގަސްދޮށު ގެ، އިބްރާހީމް ޝަޒްލީލް، 07 މެއި 2012 ވަނަ ދުވަހު 23:00 އެހައިކަންހާއިރު، ހައްޔަރު ކުރީ ސ. މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތެކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެ ސަރަޙައްދުގައި މި ދެ މީހުންގެ ޙަރަކާތްތަކަށް ފުލުހުން ފާރަލަމުންދަނިކޮށް، އިބްރާހީމް ޝަޒްލީލް ދުއްވަންއިން ސައިކަލުގެ ފަހަތަށް ޢަބްދުﷲ އުނައިސް އެރިވަގުތު، މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިދެމީހުންނާއި ދެމީހުން ތިބި ސައިކަލް ބަލައި ފާސްކުރުމަށް ފަހު މަސްތުވާތަކެތި ފެނިގެންނެވެ.
މި ދެ މީހުން ތިބި ސައިކަލުގެ ކައިރީ އޮތް ހުދުކުލައިގެ ސިޓީ އުރަ ނަގައި ފުލުހުން ޗެ ކްކުރިއިރު އޭގެ ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި އޭގެ ތެރެއިން ފެނުނު 01 ރަބަރު ޕެކެޓް ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 14.9058 ގްރާމް ޑައިއެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ އާއި، ސިޓީ އުރައިގެ ބޭރުން ނެގުނު ފިންގަރޕްރިންޓާއި މި ޤަޟިއްޔާގައި އިލްތިމާސްކޮށްފައިވާ އަބްދުﷲ އުނައިސް އެރި ސައިކަލު ދުއްވަން އިން އިބްރާހީމް ޝަޒްލީލްގެ ވައަތު މެދު އިނގިލީގެ ނިޝާނާއި ކަނާއަތު މެދު އިނގިލީގެ ނިޝާނާއި ދިމާވާކަމަށް ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން ދައްކާތީ އާއި، މި ދެ މީހުންގެ ހަށިގަނޑު ބަލާ ފާސްކުރިއިރު ޢަބްދުﷲ އުނައިސް ލައިގެންހުރި ސޯޓުބުރީގެ ވާތްފަރާތު ފަހަތު ޖީބުގައި އޮތް ހުދުކުލައިގެ ސިޓީ އުރައިން ފެނުނު ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި ހަމަ އެ ސިޓީ އުރައިގެ ތެރޭގައި އޮތް ހުދުކުލައިގެ ޓިޝޫގަ ގަނޑެއްގެ ތެރެއިން ފެނުނު ބްލެޓް ސައިޒުގެ 01 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 46.084 ގްރާމް ޑައިއެސިޓައިލްމޯފިން / ހެރޮއިން ހުރިމަކަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އުފުލި ދައުވާގައި ވިދާޅުވެފައިވެއެވެ.
މިމައްސައިގައި އަބްދުﷲ އުނައިސްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ދަޢުވާ ލިބުނު ދެމީހުންގެ ތެރެއިން އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވަނީ މި މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ދަޢުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ 4 ހެކިންގެ ތެރެއިން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެއް ފުލުހަކީ މިމައްސަލާގައި ހިމެނޭ ޢަބްދުﷲ އުނައިސްގެ ޖީބަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސިޓީ އުރަ ލީ މީހާކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ އުނައިސް ބުނެފައިވާއިރު، އެފުލުސް މީހާގެ ހެކިބަހަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ބުނާ ސިޓީ އުރައިގެ ފިންގަރޕްރިންޓް ނަގައި އޭގައި ފުލުސް މީހާގެ ފިންގަރޕްރިންޓް ހުރިކަން، ނުވަތަ ނެތްކަން ކަށަވަރުކުރަން ޖެހޭފަދަ ޙާލަތެއްގައި އެކަން ވެރިފައިކުރުމަކާއި ނުލާކަން ފާހަގަކުރެވިފައި އޮންނަކަމަށެވެ.
މީގެ އިތުރުން މިމައްސަލާގައި ހިމެނޭ ޢަބްދުﷲ އުނައިސް އަކީ ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކުރެވުނު ވަގުތުން ފެށިގެން ފުލުހުންގެ ބަންދުގައި ހުރި މީހެއްކަމަށް ވެފައި، އޭނާއަށް ހެކިން ޙާޟިރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކޯޓަށް ފޯރުކޮށްދެވޭނެ އެކަށީގެންވާ މަގެއް ތަނަވަސްވެފައި ނެތްކަމަށް ތަކުރާރުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމާފައި އޮތްކަން ފާހަގަ ކުރެވޭ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައިވެއެވެ.
ޢަބްދުﷲ އުނައިސް އަކީ ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކުރެވުނު ވަގުތުން ފެށިގެން ފުލުހުންގެ ބަންދުގައި ހުރި މީހެއްކަމަށް ވެފައި، އޭނާއަށް ވަކީލަކު ޢައްޔަންކުރުމަށް އެކަށީގެންވާ މަގެއް ތަނަވަސްވެފައި ނެތްކަމަށް ތަކުރާރުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމާފައި އޮތްކަމަށް ވެސް ސްޕްރީމް ކޯޓުން ވިދާޅުވެއެވެ.
ޙުކުމުގައި ވިދާޅުވެފައި ވަނީ އަބްދުﷲ އުނައިސް އަށް ޤާނޫނީ ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފައި ނުވާ ކަމަށާއި އަދި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެކަމަށް ޤާނޫނޫ އަސާސީގެ 53 ވަނަ މާއްދާގައި ބުނެފައި އޮންނަ ކަމަށާއި ނަމަވެސް އެފުރުސަތު ވެސް ލިބިފައި ނުވާތީ އަބްދުﷲ އުނައިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއިދު ކުރައްވާ ކުރި ޙުކުމް ބާތިލް ކުރާ ކަމަށެވެ.
ޖީބުން މަސްތުވާތަކެތި ފެނިގެން އުމުރަށް ޖަލަށްލި މީހަކު ސުޕްރީމް ކޯޓުން މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ