މީގެ ކުރިން ކުރިއަށް ނުގެންދާ ވަރުގެ ބޮޑު ތަމްރީނުތަކެއް ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި 40 މިލިއަން ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދަން ރަޝިއާ އިން ފަށައިފިއެވެ.
މިތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށެވެ. މިތަމްރީނުތަކުގައި ރަޝިއާގެ 40 މިލިއަން ރައްޔިތުންނާއި "އެމަޖެންސީ ރެސްކިއު ޑިވިޝަން" ގެ ދެލައްކަ މީހުން ބައިވެރިވާނެއެވެ. ތަމްރީނުތަކުގައި ރަޝިއާގެ މަދަނީ ދިފާޢީ ނިޒާމުގެ ހުރިހާ އިދާރާތަކެއް ބައިވެރިވާނެއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާ އިން މައުލޫމާތުދޭ ގޮތުގައި މިއީ ގުދުރަތީ ކާރިސާއެއް ނުވަތަ އިންސާނުންގެ ސަބަބުން ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ތަމްރީނު ތަކެކެވެ.
މިއީ މިހާތަނަށް ރަޝިއާގައި ހިންގާ މިފަދަ އެންމެ ބޮޑު ތަމްރީނު ނަމަވެސް ތަމްރީނެއް ކުރިއަށް ގެންދާކަން ރަޝިއާ ސަރުކާރުން އިއުލާން ކުރީ ވެސް ކުއްލިއަކަށް ހޯމަ ދުވަހުއެވެ. ތަމްރީނުގައި ބައިވެރިވާ މީހުންނަށް ވެސް ތަމްރީނެއް ކުރިއަށް ގެންދަން އުޅޭކަން ކުރިން އަންގާފައެއް ނުވެއެވެ.
މިފަދަ ބޮޑު ތަމްރީނެއް ރަޝިއާ އިން ކުރިއަށް ގެންދާއިރު ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ ތިން ވަނަ ބޮޑު ހަނގުރާމައަކަށް ތައްޔާރުވުމަށް ރަޝިއާ އިން ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމަށެވެ. ހާއްސަކޮށް ރަޝިއާ އާއި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާއި މެދު އަސްކަރީ ކަންކަމުގައި ބޮޑެތި ޚިޔާލުތަފާތުވުން ތަކެއް ހުރި ދުވަސްވަރެއްގައި މިފަދަ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމުގެ މާނައަކީ ކޮންމެ ވަގުތެއްގައި ވެސް ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް ރަޝިއާ ތައްޔާރުވުން ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.
ކުއްލިހާލަތަކަށް ތައްޔާރުވާން 40 މިލިއަން ރައްޔިތުން ބައިވެރިވާ ތަމްރީނެއް ރަޝިއާ އިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ