މިނިވަންކަމަށް ބުރޫ އަރާނީ ހަމައެކަނި ބޭރުގެ ހަނގުރާމަވެރި ލަޝްކަރަކުން ދޭ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށާއި، ޤައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައި ވުމަކީވެސް މިނިވަންކަމަށް އަސަރު ކުރާނެ ކަމެއްކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރާ ރާއްޖޭގެ 51 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ޤައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި، ރައްޔިތުން ބައިބައިވެ، ޤައުމުގެ އެއްބައިވަންތަކަން ގެއްލިގެން ދިއުމަކީ މިނިވަންކަމަށް ބުރޫ އަރާނެކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ދީނީ ވަހްދަތު ގެއްލި ހައްދުފަޖަނަ އަޅާފައިވާ ނުފޫޒުތަކުގެ އޮއިވަރު ގަދަވާނެ ކަމަށް މައުމޫން ވިދާލުވެފައިވެއެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރަން ބޭނުންނަމަ އަޅުގަނޑުމެން ތިބެންޖެހޭނީ މި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެންނެވެ. ނުހަނު ވަރުގަދަ އަޒުމަކާއެކު ކަމަރު ބަނދެގެންނެވެ" މައުމޫން ވިދާޅުވިއެވެ.
މިނިވަންކަމަކީ ޤައުމަކަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތް ކަމަށާއި އެނިއުމަތް ދެމެހެއްޓުމަކީ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަ ކުރައްވާ ރައީސް މައުމޫންގެ ޚިތާބުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެއްކަމަށެވެ. އޭގެ އިތުރުން އެއިރެއްގައި އޮންނަ ސަރުކާރެއް ދެމެހެއްޓުމަކީވެސް ރައްޔިތުންގެ މަސްއޫލިއްޔަތެއްކަން ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވައިފައެވެ.
"ޤައުމީ އަދި ފަރުދީ ފެންވަރުގައި ކަށަވަރުކޮށްދީފައިވާ ހައްޤުތަކާއި މިނިވަންކަން އޮތްއިރު، އަޅުގަނޑުމެން ބައެއް ދިވެހިންގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމަށް އެކިކަހަލަ ގޮންޖެހުން ކުރިމަތިވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ." މައުމޫން ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތު ކަމަށާއި، ޤައުމީ މަސްލަހަތުގެ މައްޗަށް އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. މިނިވަންކަން ނިގުޅައި ނުގަންނާނެކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، އެފަދަ ކަމަކަށް ތައްޔާރުވެތިބުމަށް ރައީސް މައުމޫން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ސިޔާސީ ހަމަނުޖެހުމުގެ ސަބަބުންވެސް މިނިވަންކަމަށް ބުރޫ އަރާފާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ