މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަން ނިންމި ވާހަކައެއް ނުބުނަން: މިނިސްޓަރު

މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުނުވާ ކަމަށް ވިދާޅުވީ، ހެދި އޮޑިޓުން އެވަރަށް ސްކޫލް އިތުރުކުރަންޖެހޭކަން ފާހަގަވި ވާހަކަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި ރިޕޯޓް ނެރުމަށް ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ، އެއްދަންފަޅިއަށް ބަދަލު ކުރަން ބޭނުންވާ ކުލާސް ރޫމްތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމާފައިވާ ކަމަށެވެ.
އެވާހަކަ ރިޕޯޓްކުރުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ނިންމުމަކީ މާލެ ސަރަހައްދު އިތުރަށް ތޮއްޖެހޭނެ ކަމެއް ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.
އަދި ބައެއް މީހުން ވަނީ، މި ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ޖަޒީރާ ރާއްޖެއެއް ގެނެސްދީ، އަތޮޅުތެރެ ތަރައްގީ ކުރާނެ ކަމަށް ބުނެ ކަމަށާއި ނަމަވެސް އެކަން އަމަލު ނުފެންނަ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލު ކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެ ހެދި އޮޑިޓްގައި މާލެ ސަރަހައްދުގައި މިހާރު ހުރި ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އިތުރު 10 ސްކޫލް ބޭނުންވާ ކަމަށް އެނގުނު ކަމަށެވެ.
ނަމަވެސް ވިދާޅުވީ އޮޑިޓުން އެގޮތަށް ދެއްކި ވާހަކަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑު ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަން ނިންމި ވާހަކައެއްނޫން. އެގޮތަށް އޮޑިޓް އިން ދެއްކި ވާހަކަ. ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލެއް ފުރިހަމަ ގޮތުގައި ހިންގުމަށް ސްކޫލް ސައިޒް 800- 1000 ގައި ބަހައްޓަންޖެހޭ،“ މިނިސްޓަރު ކުރެއްވި ދެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ވަނީ މާލެ ސަރަހައްދުގައި އަޅާ ސްކޫލްތަކުގެ ކޮންސެޕްޓް މިހާރު ހުރި ސްކޫލްތަާއި ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ވިދާޅުވެފައެވެ.
މި ސުކޫލުތައް އަޅުގަނޑުމެން މި ފަރުމާކުރަނީ މިހާރުގެ ބެސްޓް ޕްރެޓިކްސްއަށް ބަލާފަ، މިފަދަ ސިންގަލް ސެޝަން ހުންނަގޮތަށް. އެހެންވީމަ މި ސުކޫލުތަކަކީ ކުދިން ދާހިތުން ދާނެ ސުކޫލުތަކަކަށް ވެގެންދާނެ.“ މިނިސްޓަރު ރޭ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރި 213 ސްކޫލުގެ ތެރެއިން 151 ސްކޫލް މިހާރު ވެސް އެއްދަންފަޅިއަށް ހިންގަމުން އަންނައިރު، އޮޑިޓުގައި ބުނެފައިވާގޮތުން، ސްކޫލްތައް އެއްދަންފަޅިއަކަށް ބަދަލުކުރުމުގެ އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާލެ ސަރަހައްދަށެވެ.
އެގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މި ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނީ 800 އާއި 1000އާ ދެމެދުގެ ދަރިވަރުން އުޅެމުންދާ ސްކޫލްތަކުގައި ނަމަވެސް މާލޭގެ 13 ސްކޫލެއްގައި އެ އަދަދު 1500 އާއި 2000އާ ގާތްކުރާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުންވާއިރު ވަސީލަތްތަކާއެކު 237.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ