ހެނބަދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

ނ. ހެނބަދޫ ޒުވާނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ގެއްލިގެން ފުލުހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ ހެނބަދޫ، އެންދެރިމާގެ މުހައްމަދު އަޒުމީރު (25އ). ފުލުހުން މިއަދު ބުނީ އަޒުމީރު ހޯދަން އިއުލާނު ކޮށްފައި ވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމާ ގުޅިގެން އަޒުމީރުގެ ބައްޕަ އިބްރާހިމް އާދަމް 'ސަން' އަށް ބުނީ، ދަރިފުޅު ހޯދުމަށް ފުލުހުން މިއަދު އިއުލާނު ކުރި ނަމަވެސް އޭނާ ގެއްލިގެން ރިޕޯޓް ކުރިތާ ތިން މަސް ދުވަސް ވެދާނެ ކަމަށެވެ. "އެންމެ ފަހުން ފެނިފައި ވަނީ މި ރަށުގައި ހުއްޓާ. އޭނާ ގެއްލުނީ ބަޔަކު އޭނާއަށް މަރުގެ އިންޒާރުތަކެއް ދިން ފަހުން. އެ މައްސަލަ ވެސް ވާނީ ފުލުހުންނަށް ރިޕޯޓް ކޮށްފައި،" އަޒުމީރުގެ ބައްޕަ ބުންޏެވެ. އަޒުމީރު ގެއްލުނު ދުވަސްކޮޅު އެ ރަށުން ކެނޯ އަކާއި އިންޖީނުލީ ކުޑަ ބޮއްކޮރާއެއް ވެސް ގެއްލިފައިވާ ކަން އިބްރާހިމް އާދަމް ފާހަގަކުރި އެވެ. ނަމަވެސް ދަރިފުޅު ދިޔަ ތަނެއް އަދިވީ ކޮންތާކު ކަމެއް ވެސް އެނގިފައި ނުވާކަމަށް އިބްރާހިމް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ