ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ގޭބިސީ އެބަތިބިކަން ހާމަވެއްޖެ

ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ގޭބިސީ އެބަތިބިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހާމަކުރައްވައިފިއެވެ.
ޑރ. ހުސައިން ރަޝީދު ވިދާޅުވީ މާލޭގައި ޖުމްލަ ހުރީ 20،000 ވަރަކަށް ގޭބިސީކަމަށެވެ. އެހެން ނަމަވެސް ވެމްކޯގައި ރެޖިސްޓްރީ ނުވާ 3000 ވަރަަކަށް ގޭބިސީ އެބަހުރި ކަމަށާއި، އެ ގޭ ބިސީތަކުން ވެމްކޯގައި ރެޖިސްޓަރ ނުވަނީ ކީވެއްތޯ ބަލަމުން އަންނަކަމަށެވެ. އަދި ވެމްކޯގައި ރެޖިސްޓްރީ ވެފައިވަނީ 17،000 ވަރަކަށް ގޭބިސީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ ބަލަންޖެހޭ ކީއްވެތޯ މިހާ ގިނަބަޔަކު ރެޖިސްޓަރ ނުވެ އޮތީ. މިއީ އެއްވެސް މިންވަރަކަށް ޒިންމާދާރު ކަމެއްނޫން. އެބޭފުޅުން ކުނި އުކަނީ ކިހިނެއްތޯ ސާފުކުރަންޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތަކުގައި ޓަސްބިން ބެހެއްޓުމަށްވެސް ކުރަންޖެހޭ ދިރާސާތައް ކުރަމުން އަންނަކަމަށެވެ. އެހެން ނަމަވެސް ޑަސްބިން ބަހައްޓާފައި ހުރި ސަރަހައްދުތަކުގައި ވެސް ޒިންމާދާރުކަން ކުޑަގޮތަކަށް ޑަސްބިނުގެ ބޭނުން ބަޔަކު ހިފަމުން އަންނަކަމަށެވެ.
"އަޅުގަނޑަށް ފެނުނު ހުޅުމާލޭގައި ހުރި ޑަސްބިނުގައި ރޯކޮށްލާފައިހުރިތަން. ކުނި މެނޭޖުކުރަން ރެޖިސްޓްރާ ނުވާ ގޭ ބިސީތަކުން ގޮސް ހުރިހާ ކުންޏެއް އަޅާފާނެ ޑަސްބިންތަކަށް. މީހަކު ސައިކަލު ވަށިގަނޑަށް ފުޅިއެއް ލާތަން ފެނުނީމާ އެމީހަކު ޑިސްކަރޭޖުކުރަން އެބަޖެހޭ. އާންމު ބަހުރުވައިންނަމަ 'ކަޑަ' ކަމެކޭ ބުނަންއެބަޖެހޭ. ތިބޭފުޅުންގެ ފިރިކަލުން އެފަދަކަމެއް ކުރާނަމަ އެކަން ހުއްޓުވަން އެބަޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ