ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް

ޚާއްސަ ޑިސްކައުންޓްތަކަކާއެކު ދިރާގުގެ އެލީޓް ކްލަބުގެ ޕާޓްނަރެއްގެ ގޮތުގައި އީޒްއެޕުން ސޮއިކޮށްފިއެވެ. ދިރާގުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް ފަސް ޕަސެންޓާއި 15 ޕަސެންޓާ ހަމައަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ. އީޒްއެޕަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް މަންސައަކުން ގުޅުވައިދިނުމަށް ތައާރަފުކުރެވުނު ފުރަތަމަ މަލްޓި ސާވިސް ސުޕަ އެޕެވެ. އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް ހަލުވިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އީޒްއެޕް މެދުވެރިކޮށް ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން އެކި ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވެއެވެ. ދިރާގުން ބުނީ އީޒެޕަކީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ އިތުބާރު ހުރި ޑިޖިޓަލް މަންސައެއް ކަމަށެވެ. އީޒްއެޕް މެދުވެރިކޮށް ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް ޕްރޮމޯ ކޯޑް ބޭނުންކޮށްގެން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ބްލޫ އަދި ގޯލްޑް ޓިއާގެ މެންބަރުންނަށް ދުވާލަކު ދެ ފަހަރު އެ ކޯޑު ބޭނުންކުރެވޭއިރު ޕްލެޓިނަމް ޓިއާގެ މެންބަރުންނަށް ދުވާލަކު ތިން ފަހަރު އެ ކޯޑު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެލީޓް ކްލަބް ކަސްޓަމަރުންނަށް ޕްރޮމޯ ކޯޑްގައި ޖެހުމަށް ބޭނުންވާ ޑިސްކައުންޓް ކޯޑު ދިރާގު އެޕްގެ އެލީޓް ކްލަބް ޕޭޖުގައިވާ އީޒްއެޕް ބެނާއިން ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ