މެމްބަރު އަބުޅޯގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މެމްބަރު އަބްދުﷲ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަކީ އެ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ. 
މި އަޑުއެހުމުގައި މެމްބަރު އަބްދުﷲގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވާފައި ވަނީ އަބްދުﷲ އަހުމަދު ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައި ވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގެ ކުރިން ކަމަށް ވާތީ، މެމްބަރު އަބްދުﷲ ގެ ގޮނޑި ގެއްލިފައި ނުވާ ކަމަށެވެ. 
އަބްދުﷲ އަހުމަދު ގާނޫނީ ވަކީލުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރެއް މެމްބަރުކަމުން ވަކިވާން އެދި ސިޓީ ލާ ދުވަހުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަބްދުﷲ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކުވުމަށް 10 ޖުލައި 2017 ގައި ޕީޕީއެމްއަށް ހުށަހަޅައި އަދި އެސިޓީ ބަލައިގަނެފައިވާ ކަމުގެ ލިޔުން ދީފައިވާއިރު، 11 ޖުލައި 2017 ގައި ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށެވެ. 
އެހެންކަމުން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން މެމްބަރު އަބްދުﷲ އަހުމަދު ޕީޕީއެމް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް މެމްބަރު އަބްދުﷲ އަހުމަދުގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގަބޫކުކުރާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް އެ ޕާޓީގެ މެމްބަރު ކަމުން ވަކިވާނީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އެހެންކަމުން މެމްބަރު އަބްދުﷲ އަހުމަދު ޕީޕީއެމްގެ މެބްބަރު ކަމުން ވަކިކުރެވިފައި ވަނީ 05 ސެޕްޓެމްބަރު 2017 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލާ ވިދާޅުވިއެވެ. 
އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރުކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ. 
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ސްޓޭންޑަކީ ކުރިން އެކޮމިޝަނުން ނިންމާފައިވާ، ގޮނޑި ގެއްލިފައިވާ ބުނާ ނިންމުމެވެ. އިލެކްޝަންސް ކޮމިޝަނުން ވަކާލުތު ކުރެއްވީ ވެސް އެ ނިންމުމުގެ މައްޗަށެވެ. 
އަބްދުﷲގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ