ރައްޔިތުންގެ ހައްގު ރައްކާތެރިކޮށްދެއްވުމަށް އެޗްއާރްސީއެމްގައި މައުމޫން އެދިވަޑައިގެންފި

ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ ހައްގު ރައްކާތެރިކޮށް ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގައި އިއްޔެ އެދިވަޑައިގެންފި އެވެ.
އެޗްއާރުސީއެމްގެ ރައީސާ އާމިނަތު އީނާޒަށް ފޮނުއްވި ސިޓީގައި މައުމޫނު ވަނީ ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ ޕާޓީގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދިފަ އެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރިއިރު އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ދެއްވި ފަރުވާއެއް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފައިވާ ރައީސް ވަނީ މެމްބަރުންގެ ރުހުމަކާ ނުލައި ވަކިކުރައްވާފައިވާ ކަމަށް ސިޓީފުޅުގައިވެ އެވެ.
"ޕާޓީ ހިންގުމަކީ ރަމްޒީ މަގާމެއް ކަމަށް ވިޔަސް އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ވީހިނދު އަދި ރައީސަކު ނެތް ހާލަތެއްގައި، ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް ވަރަށް ސާފުކޮށް ކައުންސިލް ހިންގާ ގަވާއިދު ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވާނެ،" މައުމޫނުގެ ސިޓީގައި ޕީޕީއެމްގެ އަސާސީ ގަވައިދު ފާހަގަކޮށް ވިދާޅުވެފައިވެ އެވެ.
މައުމޫން ފާހަގަކުރައްވާފއިވާ ގޮތުގައި ޕީޕީއެމް ކައުންސިލް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދެން މެދުވެރި މައިގަނޑު ސަބަބަކީ ޕްރައިމަރީއަކައި ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމުގެ މައްސަލަ އެވެ. ނަމަވެސް އެކަމުގައި ޕާޓީގެ ބައެއް މެމްބަރުންގެ ހިޔާލު ތަފާތު އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުކަމެއް ކަމަށް މެންބަރުން ވިދާޅުވާ ކަމަށްވެސް މައުމޫން ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް ދެ ފެކްޝަނަކަށް ބައިބައިވެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުންނާއި ރައީސް މައުމޫންގެ ފެކްޝަނުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް ލިޔުމުންނާއި އަގަބަހުން ހަމަލާދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ