މިސްރުގައި މުޒާހަރާ ހިންގަން ތިބީ ހައްދުފަހަނައަޅާފައިވާ މީހުން: މައުމޫން

މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހިންގަން ތިބީ އަރަބި އެހެން ގައުމުތަކުގެ ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިސްރުން ކިޔެވި ކުދިންނާއި މިސްރުގައި މިހާރު ކިޔަވަމުން އަންނަ ކުދިންނާ އެކު ނަސަންދުރަ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި މައުމޫނު ވިދާޅުވީ މިސްރުގެ މުޒާހަރާ ރޫޅާލި އިރު އެތަނުން ނުރައްކާތެރި ހަތިޔާރުތައް ފެނިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި މިސްރުގައި ހިނގަމުން އެދާ ކަންތައްތަކަކީ ބޭރުގެ ފަރާތްތަކުން އަތް ބާނައިގެން ހިންގާ ކަމެއް ކަމަށެވެ.
"..މިސްރުގައި ވަރަށް ދެރަ ކަންތައްތަކެއް ހިނގަމުން އެބަދޭ، ސިޔާސީ ގޮތުން ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން އެބަދޭ، މިކަމުގެ އަޑީގައި ވެސް، ތިޔަބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ބޭރުގެ އަތްތަކެއް ވެސް ވޭ، އެއީ ޑިމޮކްރަސީގެ ނަމުގައި ތަނަކަށް އައިސް އެތަން ހަލާކުކުރަން އުޅޭ ބަޔަކު އުޅޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެ ތިބި އެތައް ހާސް ބަޔަކު 40 އަށް ވުރެ ގިނަ ދުވަސް ވަންދެން ތިބުމުން އެތަން ހުސްކުރުވާފައި ބެލި އިރު އެތާގައި ވަރަށް ނުރައްކާތެރި ހަތިޔާރު ހުރިކަން، ބައެއް މީހުންނާ ފޯނުން ގުޅުއްވައިގެން މައުލޫމާތު ހޯއްދެވުމުން އެނގިވަޑައިގެންނެވި ކަމަށެވެ.
"...އެމީހުން ފަހުން، ސިފައިންނާ ފުލުހުން ވަރަށް ގިނަ އިންޒާރުތަކެއް ދިނުމަށް ފަހު، އެތަން ހުސްނުކުރީމައި، ގަދަކަމުން ހުސްކުރުވާފައި ބެލި އިރު އެތާންގައި ހުރި ވަރަށް ގިނަ އަދަދަކަށް ވަރަށް ނުރައްކާތެރި ހަތިޔާރު އެއްކޮށްފައި، އޭގެ ތެރޭގައި އެކި ސައިޒުގެ ބަޑިއާއި ބޮމާއި، މިކަހަލަ އެއްޗެހި ހުރި، އަދި މަތިންދާ ބޯޓަށް ޖަހާ ކަހަލަ ބޮން، އެންޓި އެއާކްރާފްޓް ހަތިޔާރު ވެސް އެތާގައި ހުރި ކަމަށް ވަނީ. ފުލުހުން އެކަން ތަހުގީގު ކުރި އިރު އެކަން ހިންގަން ތިބީ ބޭރުގެ ބައެއް އަރަބި ގައުމުތަކުން އައިސް ތިބި، އެންމެ އެކްސްޓްރީމް، އެންމެ މުތަތައްރިގު މީހުން،" މުމިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމް ހާސިލް ކުރައްވާފައިވާ މައުމޫން މިރޭ ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ފުލުހުން އެކަން ތަހުގީގުކޮށް ބެލި އިރު އެކަން ހިންގަން ތިބީ ބޭރުގެ ބައެއް އަރަބި ގައުމުތަކުގައި ތިބޭ އެންމެ އެންމެ ހައްދު ފަހަނައަޅާފައިވާ މީހުން ކަމަށެވެ.
މުޒާހަރާ ކުރާ މިސްރުގެ އާއްމުންނާ ބެހޭ ގޮތުން މައުމޫނު މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު ސީއެންއެން އާއި ބީބީސީ އާއި އަލްޖަޒީރާ އާއި ރޮއިޓާސް ފަދަ އެއްވެސް ބައިނަލް އަގުވާމީ އެޖެންސީއަކުން އެކަން މިގޮތަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
މައުމޫނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވާ "ރާބިޢު އަލް އަދަވިއްޔާ" އާއި އެހެން ތަންތަނުގައި މިސްރު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ މީހުން ބުދަދުވަހު އެތަނުން ދުރަށް ލުމުގެ ތެރޭގައި އެކަމުގެ ތެރޭގައި 600 އަށް ވުރެ ގިނަ މީހުންގެ ގަޔަށް މިސްރު ސިފައިން ބަޑިޖަހައި މަރާލިކަމަށް މައިގަނޑު ހުރިހާ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ބުދަ ދުވަހު މިސްރު ސިފައިން ހިންގި ގަތުލުއާއްމުތައް އދ. އާއި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވެރިން ކުށްވެރި ކުރި އެވެ.
މިސްރު ސިފައިން ކުރި ބަޣާވާތެއްގައި އެގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އާއްމުންނަށް މިސްރު ސިފައިން ދޭ ހަމަލާތައް ތުރުކީގެ ބޮޑު ވަޒީރު ރަޖަބް ތައްޔިބު އަރުދުޣާން މިރޭ ވެސް ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
"ސޫރިޔާ އާއި މިސްރުގައި އެމީހުން ވަނީ އަހަރެމެންގެ މިސްކިތްތައް އަންދާލާފައި، ބައްޝާރާއި އަލްސީސީ އާ ދެމެދު އެއްވެސް ތަފާތެއް ނެތް، އަނިޔާވެރި ކަމަކުން އަމާންކަމެއް ނުހޯދޭނެ،" އަރުދުޣާން ވިދާޅުވި ކަމަށް ތުރުކީގެ އަލް ހުއްރިއްޔަތު ނޫހުން މިރޭ ބުންޏެވެ.
އަރުދުޣާން ވިދާޅުވެފައި ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި މިސްރު ސިފައިންގެ ވެރިޔާ ޖެނެރަލް އަލްސީސީ ދަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގަވަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ