ރައްޔިތުން މަޖިލީހުގައި ތަމްސީލު ކުރައްވަމުންދާ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ކަނޑައަޅާފައިވާތީ އެ ނިންމުން ބާތިލް ކުރަން ތިން މެންބަރަކު އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. މައްސަލަ ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދެވެ.
މި ތިން މެންބަރުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ތިން މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ އެ ދާއިރާގެ ބައި-އިލެކްޝަން ވެސް ބާތިލްކޮށް ދިނުމަށް އެ މެންބަރުން ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެދިވަޑައިގެންފަ އެވެ. އިލްހާމް އާއި އަބްދުﷲ ސުޕްރީމް ކޯޓަށް މައްސަަލަ ވެއްދީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި ސިނާން މައްސަލަ ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގަ އެވެ. އެ މައްސަލަތައް ކޯޓުން އަދި ބަލައިގަތް ކަމެއް ޔަގީނެއް ނޫނެވެ.
މީގެކުރިން ވެސް ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި އެވެ. އެއީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކާއި ސަރުކާރުން މާނަ ކުރަނީ ތަފާތު ކޮށެވެ. އެ އަމުރުން ސީދާ މެންބަރުންގެ ގޮނޑި ގެއްލޭކަން ނޭނގޭ ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.
އިލްހާމާއި ސިނާން އަދި އަބްދުﷲ ވެސް ވަނީ ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް އަމިއްލައަށް ސިޓީ ހުށަހަޅުއްވާފަ އެވެ. އެ ހުކުމަކީ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ކުރި ހުކުމެވެ. އެ ހުކުމާއި ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ހުކުމްގައިވާ ކަންކަން ހިނގާނީ 13 ޖުލައިގެ ފަހުން ހިނގާ ކަންކަމަށް ކަމަށެވެ.
ޕީޕީއެމްއިން ވަކިވާން އެ މެންބަރުން ޕާޓީއަށް ހުށަހެޅި ސިޓީއާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނުން ސޮއި ނަގަން އެންގުމުން އެކަން ނުކުރެއްވުން ސުލޫކީ މައްސަލައެއް ޕާޓީ އިން އަމިއްލައަށް ބަލައި، އެ ތިން މެންބަރުން ވެސް ވަނީ ޕީޕީއެމްއިން ވަކިކޮށްފައި ކަން އިލެކްޝަންސް އަށް އަންގައިފަ އެވެ. އަދި އެކަން އިލެކްޝަން ކޮމިޝަނަށް އެންގުމުން އެ ކޮމިޝަނުން ވަނީ އެ މެންބަރުން ގޮނޑި ގެއްލުނުކަން މަޖިލީހަށް އަންގާފަ އެވެ.
އެ މެންބަރުން ވިދާޅުވަމުން ދަނީ ޕާޓީން ވަކިވުމަށް ހުށަހަޅާއިރަށް ޕާޓީން ވަކިވެވޭނެ ކަމަށް ޕާޓީގެ އަސާސީ ގަވައިދުގައިވާ ކަމަށެވެ. އެހެންވެ، ވަކިވާން ހުށަހެޅި ސިޓީއަށް ގޮތެއް ނިންމައި، އެ މެންބަރުންގެ ސުލޫކީ މައްސަލައެއް ބެލޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.
މިފަހުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ވަނީ ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވާލާފަ އެވެ. ނަމަވެސް ޕެޓިޝަނުގައި ސޮއިކޮށް ސޮއި ނެގުމަށް އެންގުމަށް ވެސް އެގޮތަށް އަމަލު ނުކުރެއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)އާމެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ޓޮމް މިހާރު މަސައްކަތް ކުރައްވަނީ އަނެއްކާވެސް ޕީޕީއެމްއާއެކު އެވެ.
މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ.
ގޮނޑި މައްސަލާގައި ސިނާން، އަބުޅޯ، އިލްހާމް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ