ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައިގެ ތަހުގީގުގެ އަޑުއެހުން ނިންމާލައިފި

ޖޭއެސްސީގެ ކޮމިޓީން ބޭއްވި ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައިގެ ތަހުގީގުގެ އަޑުއެހުން ނިންމާލައިފި އެވެ.
މިއަޑު އެހުން މިއަދު ނިންމާލީ ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރު އަބްދުﷲ ދީދީ އަށް ދިނުމަށް ފަހު އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ ގާޒީ) ގެ ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި މިއަދު ފެށި ތަހުގީގުގެތެރެއިން ދީދީގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ ފައިސާގެ ބައެއް ޑީޑީ ނަންގަވާފައިވާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު ދެވަނަ ތުހުމަތަކީ ގެއްލުވާލާފައިވާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅުވާ ކޮށްފައިވާ ތުހުމަތުތަކެވެ.
މިއަދު ގެ ތަހުގީގުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފުލުހުން ފޮނުވި ދެ ސިޓީއެއް ޖޭއެސްސީން ވަނީ އާންމުކޮށްފައެވެ.އޭގެން އެއްސިޓީގައި ބުނާގޮތުން ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ މުހައްމަދު ސުވައިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމް ދޫކޮށްލީ ފަނޑިޔާރު ޑީޑީ ވިދާޅު ވެގެން ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ. އެ ދެ މީހުން ބަންދުން ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަކުރެވިފައިވާ މީހަކު ފަނޑިޔާރާ މުއާމަލާތް ކުރަމުން އައިސްފައިވާ ކަމަށްވެސް އެނގިފައިވާއިރު މި މައްސަލަތަކުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ފަނޑިޔާރު ހިންގެވި ކަމަށް އެސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
އެހެން ނަމަވެސް މިއަދު ފެށި ތަހުގީގުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ޑީޑީ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. އަދި އެ މައްސަލަތަކުގައި ޖަވާބުދާރީވެވަޑައިގަންނަވަން އިތުރު ވަގުތު ދެއްވުމަށް ވެސް ޑީޑީ އެދިވަޑައިގެންނެވި އެވެ.
ޑީޑީގެ ސުލޫކީ މައްސަލަތަކުގައި ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ