ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އާދަމް ޝަރީފު އުމަރު ހަމަޖައްސައިފި

ކުރީގެ ރައީސް ޔާމީންގެ އެދިލެއްވުމުގެ މަތީން އުފައްދާފައިވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާއަށް އިންތިހާބުވެފައިވާ އާދަމް ޝަރީފު އުމަރު ހަމަޖައްސައިފި އެވެ.
އެގުތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އާދަމް ޝަރީފް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ފުރަތަމަ ޖަލްސާއިންނެވެ. އެ ޖަލްސާގައި އޭނާ ހަމަޖައްސާފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމަށާއި، ހެޑް އޮފް ލީގަލް އެފެއާޒުގެ މަގާމަށެވެ.
މިއަދު އެ ޕާޓީން ބޭއްވި ޖަލްސާގައި ވަނީ ޕާރޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އެޕާޓިގެ ނައިބް ރައީސުންގެ މައްސޫލިއްޔަތު ފުށޫނާރާ ގޮތަށް ބަހާފައެވެ. އެގޮތުން އިދާރީ މަސައްކަތާއި ފައިސާގެ ބައި ހަވާލުކޮށްފައިވަނީ ކުރީގެ އެކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާއަށް އިންތިހާބު ވެފައިވާ މުހައްމަދު ސައީދާއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރަކަށް އާދަމް ޝަރީފު އުމަރު މިއަދު ހަމަ ޖައްސާފައި ވާއިރު އެޕާޓީގެ ނައިބު ރައީސް އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްކަމަށް ގީލާ ހަމަޖައްސާފައި ވާކަމަށެވެ. އަދި އެ ޓްވީޓްގައި ނައިބް ރައީސް ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ