ސުޕްރީމް ކޯޓުގެ ދެފަނޑިޔާރެއްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކުރިކަން ހާމަވެއްޖެ

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރެއްގެ އިތުބާރު ނެތްތަމުގެ ވޯޓަށް އެމްއެމްޕީ އާރުސީގެ ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާކަން ހާމަ ވެއްޖެ އެވެ.
އެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާއްމު ކުރި ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ، ދެ ފަނޑިޔާރުގެ އިތުބާރު ނެތްކަމަށް 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާފައިވާއިރު، އެ ވޯޓަށް އެމްއެމްޕީއާރުސީގެ ފައިސާއިން 10 މިލިއަން ރުފިޔާ އެކަމަށް ހަރަދު ކޮށްފައިވާ ކަމަށެވެ.
އޭސީސީގެ ރިޕޯޓަށް މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ނޯކޮންފިޑެންސް ވޯޓު ނަކަށް އޮތް ދުވަހެއްގެ ރޭގަނޑު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގުޅުއްވައި އެ ދުވަހުގެ ހެނދުނު ނުވައެއް ޖެހުމުގެ ކުރިން 10 މިލިއަން ރުފިޔާ ހޯދައިދޭން އެދުނު ކަމަށެވެ.
އަދި އެ ފައިސާ އަދީބު ބުނި ގޮތަށް ހަމަޖެއްސުމުން ފައިސާ ގެންގޮސް ފެންޓަސީ ކުރިމަތީގައި ހުރި އޮފީހެއްގެ ހަތްވަނަ ފަންފިލާގައި ހުރި މުހައްމަދު ހުސައިން (އޮއިއްޓޭ)އާ ހަވާލުކުރުމަށް އަދީބު އެންގި ކަމަށް އަބްދުﷲ ރާފިއު ބުނެފައިވެއެވެ.
"އެދުވަހަކީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ "ނޯ ކޮންފިޑެންސް" ނަގަން އޮތް ދުވަސް. ހީވާގޮތުން ނުވައެއްގެ ކުރިން އެފައިސާ ހަވާލުކުރަން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ކުރާކަމެއް ކުރުމުގެ ގޮތުން" އަބްދުﷲ ރާފިއު އޭސީސީ ރިޕޯޓްގައި ބުނެފައިވެ އެވެ.
ނަމަވެސް ރިޕޯޓްގައި އޭނާ ބުނެފައިވަނީ އެ ފައިސާ ދިނީ ކޮންބަޔަކަށްކަން ނޭނގޭ ކަމަށެވެ.
އެދުވަސް ވަރަކީ ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހުން ފާސްކުރި ދުވަސްވަރެވެ. އެ ދެބޭފުޅުންގެ މައްޗަށް ވޯޓުނަގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައި ވަނީ 53 މެންބަރުންގެ ވޯޓާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ