ބ. ތުޅާދޫ ދާއިރާގެ ޕީޕީއެމް މީހުންނަކީ ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެދިލައްވާ ގޮތަށް ވޯޓު ދޭނެ ބައެއް ނޫން ކަމަށް ތުޅާދޫ ޕީޕީއެމް ބޮޑު ގޮފިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
އެ ގޮފިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އެދިލެއްވީ ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަތީފަށް ކެމްޕޭންކޮށް، ވޯޓު ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަތީފަށް ކުރި ތާއިދު އަނބުރާ ގެންގޮސްފައި ވަނީ އޭނާއާއެކު ކުރެވުނު މަޝްވަރާއަކަށް ފަހު ގަބޫލު ނުކުރެވޭ ފަދަ ކަންތައްތަކެއް އޭނާގެ ފަރާތުން ފެނިފައިވާތީ ކަަމަށެވެ.
އެގޮތުން އަތީފް ވަނީ ދާދިފަހުން ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައި ކަމަށާއި އެ މައްސަލަ މިހާރު ޕީޕީއެމްގެ ސުލީކީ ކޮމެޓީން ބަލަމުންދާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ބޮޑު ގޮފިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީއެންސީގެ ރައީސް، އަތީފުގެ ނަން ޕީޕީއެމްއިން ނަގައިދިނުމަށް އިލެކްޝަންސްގައި އެދުނު ނަމަވެސް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އިލެކްޝަންސްއިން އަންގާފައިވާ ކަމަށާއި، އަތީފުގެ ނަމާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ އިންނާނެ ކަމަށެވެ.
އަތީފަށް ކުރާ ތާއީދު އަނބުރާ ގެންދިޔަކަމަށް އަދުރޭ ވިދާޅުވިނަމަވެސް، ދާއިރާގެ ޕީޕީއެމް މެމްބަރުންނާއި އޭނާއަށް ތާއީދު ކުރާ އެހެނިހެން ރައްޔިތުންގެ އެދުމުގެމަތިން، ފަސްޖެހުމެއް ނެތި އިންތިޚާބުގައި ކުރިއަށްދިޔުމަށް އަތީފް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރުންގެ ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު ތިނެއް، މުހައްމަދު އަތީފް ކަމަށާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރުންނަކީ ޕީއެންސީގެ ވަގުތީ ރައީސް އެދިލައްވާހާގޮތަކަށް ވޯޓު ދޭނެ ބައެއް ނޫން ކަމުގައިވެސް ދަންނަވާ ކަމަށެވެ.
ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރުންނަކީ އަދުރޭ އެދިލައްވާ ގޮތަށް ވޯޓު ދޭނެ ބައެއް ނޫން - ތުޅާދޫ ޕީޕީއެމް ބޮޑު ގޮފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ