ބ. ކިހާދޫ ހުކުރު މިސްކިތުގައި ކާޕެޓް އަޅައިފި

ބ. ކިހާދޫގެ ހުކުރު މިސްކިތްކަމުގައިވާ މަސްޖިދު ތަޢާވުނުގައި ފުރަތަމަ ފަހަރަށް ކާޕެޓް އަޅައިފިއެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމަކާއެކު، ކައުންސިލުންވެސް ހަރަދުކޮށްގެން އެމިސްކިތުގައި ކާޕެޓް އެޅީ ހުކުރު ދުވަހުކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ. ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް އީވީއަށް ވިދާޅުވީ މިއީ ރޯދައިގެ ކުރިން ރައްޔިތުންގެ ވަރަށްބޮޑު އެދުމަކާއެކު ކައުންސިލާ ހެޔޮ އެދޭ ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން ދޮޅުލައްކައެއްހާ ރުފިޔާގެ އަގުގުރި ކާޕެޓް އަދި އަނޑަރ ލޭޔަރ ހަދިޔާ ކޮށްފައިވަނީ ކިހާދޫގެ ރައްޔިތުންނާ ގާތްގުޅުމެއް އޮންނަ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ.
”ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެއް މިމިސްކިތުގައި ކާޕެޓް އެޅުމަކީ، އެގޮތުން ކައުންސިލުން ދުވަސްގަނޑެއްވެއްޖެ މިކަމާބެހޭ ކޯޓޭޝަން ހަދައި ބަޔަކާ މަޝްވަރާ ކުރެވެމުންދާތާވެސް. ނަމަވެސް ﷲގެ އިރާދަފުޅުން ހެޔޮއެދޭ ފަރާތަކުން މިކަން ކޮށްދެއްވަން ނިންމެވީ. ތަކެތި ދެއްވީ، މަސައްކަތުގެ އަގު ކައުންސިލުން މިދިނީ” ފަޒީލް ވިދާޅުވިއެވެ.
ފަޒީލް ވިދާޅުވީ ކާޕެޓް އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި، މަސައްކަތުގެ އަގު ދީފައިވާނީ ކައުންސިލުން ރައްޔިތުންގެ މާލިއްޔާއިންކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ކުޑަ ހަރަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
300 މީހުންގެ ޖާގައިގެ ބޮޑު ކިހާދޫ ހުކުރު މިސްކިތަކީ ސަރުކާރުން އިމާރާތްކޮށްދެއްވައި، މިދިޔަ އަހަރު ބޭނުންކުރަންފެށި މިސްކިތެކެވެ. އާންމު ރައްޔިތުންނާ، ހެޔޮއެދޭ ފަރާތްތައް ގުޅިގެން މިމިސްކިތުގައި މިއަހަރު ރޯދައަށް އެއާކޮންޑިޝަންވެސް ވަނީ ހަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ