ޢީދު ދުވަހު ހަވީރު މާލެ އާއި ވިލިމާލޭ މަގުތަކުގައި ދުއްވުން މަނާ

އީދު ދުވަހު ހަވީރު މާލެ، ވިލިމާލޭ މަގުތަކުގައި ދުއްވުން މަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އީދު ދުވަހު ހަވީރު 4:30 އިން 6:30 އަށް މާލޭ ސިޓީގެ މާލެ، އަދި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިކަަމަށެވެ.
މަލޭ ސިޓީ ކައުންސިލުން ބުނީ ޢީދު ދުވަހުގެ ހަވީރު ވެހިކަލް މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމީ މާލޭ ސިޓީ އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ، ކާރުބާރުބޮޑު ތޮއްޖެހިފައިވާ ސިޓީއަކަށްވާތީ، ހިތްހަމަޖެހިގެން އުފާފާޅުކުރުމުގެ ގޮތުން މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.
މިގޮތުން މީގެ ކުރިންވެސް އެ ކައުންސިލުން އެކިއެކި ދުވަސްތައް ފާހަގަކުރުމަށް މާލޭ ސިޓީގެ މަގުތައް ކުޑަވަގުތުކޮޅަކަށް އިންޖީނުލީ ދުއްވާ ވެހިކަލްތައް ދުއްވުން މަނާކުރުމުން، ވަރަށް ގިނައަދަދެއްގެ ރައްޔިތުންގެ އެއްބާރުލުމާއި ތަރުހީބު އެ ކައުންސިލަށް ލިބިފައިވާކަން އެކައުންސިލުން ފާހަގަކުރެއެވެ.
އަދި މިއީ މިފަދަ ދުވަސްތަކުގެ ވަގުތުކޮޅެއް ފައިމަގުގައި ހިނގާ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާތީ ނިންމި ނިމުމެއްކަމަށާ މިއީ އެ ކައުންސިލުން ދޭންޖެހޭ ޚިދުމަތެއްގެ ގޮތުގުގައި ލާމަރުކަޒީ ޤާނޫނުގައިވާ ޚިދުމަތެއްކަންވެސް އެ ކައުންސިލުން ފާހަގަކުރެއެވެ.
ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި އީދު ދުވަސް ހަމަޖެއްސިކަމުގައި ވިޔަސް އިސްތިސްނާވާ އުޅަނދުތަކަށް އެ ދުއްވުމުގެ ހުއްދަ އެ ކައުންސިލުންވަނީ ދީފައެވެ.
އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކުރެވިފައިވާ ސައިކަލް، ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް އަދި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ހިމެނެއެވެ.
ސިޓީ ކައުންސިލުން ބުނީ މިއެންގުމާއި ޚިލާފްވާ ފަރާތްތަކަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ