34.7 މިލިއަން ޚަރަދުކޮށް ރާއްޖޭގެ އެންމެ ބޮޑު ފެން ތާނގި ހުޅުމާލޭގައި ބަހައްޓައި ބޭނުންކުރަން ފަށައިފި

ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ރައްކާކުރާ ތާނގި ކަމަށްވާ، 10،000 ޓަނުގެ ތާނގި ހުޅުމާލޭގައި ބަހައްޓައި އިއްޔެ ބޭނުންކުރަން ފަށައިފިއެވެ. އެމްޑަބްލިއުއެސްސީން ބުނީ މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ދަތިކަމެއްނެތި ބޯފެން ފޯރުކޮށްދިނުމަށާއި، ކުރިމަތިވެދާނެ ފެނުގެ ކާރިސާތަކުން އަރައިގަތުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެމްޑަބްލިޔުއެސްސީ އިން 34.7 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހުޅުމާލޭގައި ޤާއިމްކުރި މި ތާންގި ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިއީ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ޔަގީންކަމާއެކު ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ރަމްޒު ކޮށްދޭ މަސައްކަތެއް ކަމަށެވެ. މާލެ ސަރަހައްދުގައި އާބާދީ އިތުރުވަމުންދާ ވަރަކަށް ފެނުގެ ޚިދުމަތަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް މިފަދަ ތާންގިއެއް ބޭނުންތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މި ތާންގީގެ އިންސްޓޮލޭޝަންގެ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތުން ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން މި ތާންގީއަކީ ވަރަށް މުހިންމު އަދި އަސާސީ ކަމެކެވެ. އެމްޑަބްލިއުއެސްސީން ބުނީ މި ތާންގިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ އެމްޑަބްލިޔުއެސްސީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވާ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިފަހުން މާލެއަށް އެންމެ ބޮޑު ފެނުގެ ކާރިސާއެއް ކުރިމަތިވީ 2014ވަނަ އަހަރެވެ. އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ އިންޖީނެއްގައި ރޯވެ ހިނގި ހާދިސާއަކާ ގުޅިގެން ހަފުތާއަކަށްވުރެ ގިނަ ދުވަހު މުޅި މާލެ ފެނަށް ޖެހުނެވެ. އެ ދުވަސްވަރު، ފެނަށް ޖެހުމުން، އަވަށްޓެރި ގިނަ ގައުމުތަކަކުން ވަނީ އެތައް ޓަނެއްގެ ފެން ހަދިޔާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ