މީހަކު މަގާމަކަށް އައްޔަންކުރަން އުޅޭއިރަށް ސޯޝަލްމީޑިއާގައި އަބުރު ކަތިލުމަކީ ދެރަކަމެއް: ފަލާހު

ރައްޔިތުންގެ މަޖިލީހުން މަގާމުތަކަށް މީހުން އައްޔަންކުރަން މަސައްކަތް ފަށާއިރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމާ ގުޅުމެއް ނެތް ކަމެއްގައި އެމީހެއްގެ އަބުރު ކަތިލާކަމަށާއި މިއީ ރަނގަޅުގޮތެއް ނޫން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިންޝުއަރެންސް ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ, ކޮމިޓީތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން މި ވަގުތުގެ ހާލަތަށް ބަލާއިރު، ސޯޝަލް މީޑިއާ އާ މެދު ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ފަލާހު ވިދާޅުވިގޮތުގައި، އެކި މުއައްސަސާތަކަށް އައްޔަންކުރަން ފޮނުވާ މީހުންގެ ނަންތައް ކޮމިޓީތަކަށް ދިރާސާކުރަން ފޮނުވާއިރު ވަކި ބަޔަކު އެ މަގާމަށް ނެގުވުމުގެ ނިޔަތުގައި ނުވަތަ ވަކި މީހަކު އެ މަގާމަށް ނެގިޔަ ނުދިނުމަށް ސޯޝަލް މީޑިއާގައި އަބުރު ކަތިލަމުންދިއުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ސޯޝަލް މީޑިއާގައި އެ މަސައްކަތް އާންމުގޮތެއްގައި ކުރަނީ މައި އިދިކޮޅު އެމްޑީޕީން ކަމަށް، އޭނާ ތުހުމަތުކުރެއްވިއެވެ. އިތުރަށް ފަލާހު ވިދާޅުވީ، މަގާމަކަށް ކުރިމަތިލުމުން އެ މަގާމާ ގުޅުމެއް ނެތް ކަމެއްގައި މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. "އެހެންވީމާ ހަގީގަތުގަ ކޮމިޓީތަކުގަ މަސައްކަތްކުރާއިރު އަޅުގަނޑުމެން އޭގެ ހަގީގަތާ އެއްގޮތަށް އެ މީހާގެ އެއްވެސް ހައްގެއް ގެއްލިގެން ނުދާނެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގައި މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ވާހަކަ އަޅުގަނޑު ދަންނަވާލަން،" ފަލާހު ވިދާޅުވިއެވެ. ފަލާހު މިހެން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަންތަކުގެ ތެރެއިން ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް، އޭނާގެ ނަން ތަޅުމަށް ނުފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައި ވަނިކޮށެވެ. https://sun.mv/209836 މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި އޭނާ އެއްވެސް އިދާރާއަކަށް މީގެ ކުރިން ހާޒިރުނުކުރާ ކަމަށެވެ. ބައެއް މެންބަރުން ވަނީ، ފާރިސް ގެވެށި އަނިޔާކުރި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެ، އޭނާގެ ކައިވެނި ރޫޅުނީ އޭގެ ސަބަބުން ކަމާއި، ސިފައިންގެއިން އޭނާ ވަކިކުރީ ވެސް އެ ސަބަބާ ހެދިކަމަށް ވިދާޅުވެ ބައެއް މެމްބަރުން ސުވާލުކުރައްވައިފައި ވެއެވެ. ނަމަވެސް އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ. އޭނާއަށް ކޮމިޓީން ދީިނީ 75 މާކުހަށް ވުރެ ދަށުންނެވެ. މިކަމާ ގުޅިގެން ފާރިސަށް ކުރި ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ބައެއް މީޑިއާތަކަށް ވިދާޅުވީ، ފާރިސްގެ ފަރާތުން ގެވެށި އަނިޔާގެ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމީ އެޗްއާރުސީއެމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެން ފޮނުއްވި ނަން ކަމަށްވާ މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަން ތަޅުމަށް ފޮނުވުމަށެވެ. ޝަފީގު އެޗްއާރުސީއެމަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 65 މެންބަރުން ވެސް ވޯޓުދެއްވީ ޝަފީގު އައްޔަންކުރަން ފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ