ވަޒީރަކަށް މުހިއްމު ވާނީ ރައްޔިތުން، އާއިލާ އަންނާނީ އޭގެ ފަހުން: މިނިސްޓަރު ނަހުލާ

މަގާމާ ހަވާލުވެވަޑައިގަތީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށްވުމުން އެކަމަނާގެ ޒާތީ ކަންކަން އަންނާނީ ގައުމާއި ރައްޔިތުންގެ ފަހަތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ވީޓީވީން ރޯދަ މަހު ގެނެސްދޭ ހާއްސަ ޕްރޮގްރާމުތަކުގެ ތެރެއިން "ޝިފްޒާ"ގެ ނަމުގައި ވީޓީވީގެ މަޝްހޫރު ޕްރެޒެންޓަރު ޝިފްޒާ މުސްތަފާ ހުށަހަޅައިދޭ ޕްރޮގްރާމުގައި ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވައިގެ ދަތުރުފަތުރުގެ ކަންކަންވެސް ބަލަހައްޓަމުން ގެންދާ މިނިސްޓްރީއަށްވެފައި، މިނިސްޓަރުގެ ފިރިކަލުންގެ އެއާލައިނެއް ހިންގާތީ މަސްލަހަތު ފުށުއެރުމެއް ނެއްތޯ ދެންނެވުމުން މިނިސްޓަރު ނަހްލާ ވިދާޅުވީ ފިރިކަލުންގެ އެއާލައިނެއް އޮތް ކަމުގައި ވިޔަސް އެކަމަނާ މަގާމާ ހަވާލުވެވަޑައިގަތީ ﷲ ގަންދީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތަށް މަސައްކަތް ކުރެއްވުމުގެ އަޒުމާއި އަދި ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ ކަމުގެ ޔަގީންކަން އޮތުމުން މަސްލަހަތު ފުށުއަރާ ކަމެއް ނުހިނގާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ވަޒީރުންނަކީ ރައްޔިތުންނަށްޓަކާ މަސައްކަތްކުރަން ތިބޭ ރައްޔިތުންގެ ހާދިމުންތަކެއް ކަމަށް އެކަމަނާ އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ވަޒީރެއްގެ ގޮތުގައި ހުންނަވާއިރު އެކަމަނާއަށް މުހިއްމު ވާނީ އާއިލާގެ ބޭފުޅުންނަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ގައުމުގެ ހައްގުގައި މަސައްކަތް ކުރުން ކަމަށްވެސް ބިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެކަމަނާ މިނިސްޓްރީއާ ހަވާލުވެވަޑައިގަތީ ދަތުރުފަތުގެ ކަންކަން ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. މިސަރުކާރުން ވައުދުވި ކަންތައްތައް އެންމެ އަވަހަށް ފުއްދި މިނިސްޓްރީއަކީ ޓްރާސްޕޯޓް މިނިސްޓްރީ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ ސަރުކާރުން ވައުދުވި ގޮތަށް އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެއް ބަދަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދަތުރުފަތުރުގެ މައްސަލަތައް ބޮޑުވެފައިވާއިރު ކުއްލިއަކަށް ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން އުފާވާފަދަ ބަދަލުތަކެއް ފަސް އަހަރުގެ ތެރޭގައި ގެނެސްދެއްވާނެ ކަމުގައިވެސް މިނިސްޓަރު ނަހްލާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ