އިންތިހާބަށް ފައިސާ ހަރަދުކުރެވޭނެ ގޮތުގެ ގާނޫނެއް ހަދަނީ!

އިންތިހާބުތަކުގައި ފައިސާ ހަރަދުކުރެވޭނެ ގޮތްތައް ކަނޑައަޅައި، އެކަމަށް ހަދަންޖެހޭ ގާނޫނު ފަރުމާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެފައިވާގޮތުގައި، " ކެމްޕޭން ފައިނޭންސް އެކްޓް" ނަމުގައި ގާނޫނެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް އެކޮމިޝަނުން ފަށާނެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، ފައިނޭންސް އެކްޓެއް އެކުލަވާލުމުގެ މަސައްކަތް އަންމަ މަހު ފަށައި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިންމާލެވި މަޖިލީހަށް އެބިލް ހުށަހެޅޭވަރު ވާނެ އެވެ.
އަކްރަމް ވިދާޅުވެފައިވާ ގޮތުގައި، ކެމްޕެއިން ފައިނޭންސް ގާނޫނު ހެދުމުގައި ޔޫއެންޑީޕީ، ޓްރާންސްޕޭރެންސީ، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކެމްޕެއިން ފައިނޭންސް ގާނޫނުތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ގާނޫނަކަށް ފެނުނީ ފިލިޕީންސްގެ ގާނޫނު ކަމަށެވެ. އެހެންކަމުން ފިލިޕީންސްގެ ފަންނީ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން އިންތިހާބާ ގުޅޭ ގޮތުން ހިންގާ ކޮރަޕްޝަންގެ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ އޭސީސީއަށް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ