"ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމުގެ ފުރުސަތު އުމަރު އަދި ޖަމީލަށްވެސް އެބައޮތް"

އިދިކޮޅު މައިކޯލިޝަން ކަމުގައިވާ، ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ވެސް އޮތީ ހުޅުވާލެވިފައި ކަމަށާއި، އުމަރު ނަސީރު އަދި ޑރ.ޖަމީލްވެސް ވަޑައިގަންނަވަންވީ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ އެޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދުރޭ މިހެން ވިދާޅުވެފައިވަނީ އުމަރު އާއި ޖަމީލު ޕީޕީއެމް އާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން އާ އެކުގައި ކުރައްވަމުން ގެންދަވާ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
“ސިޔާސީ މައިދާނުގައި އުމަރު ނަސީރާއި، ޑރ.ޖަމީލާއި ރައީސް ޔާމީން އެކީގައި މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން.” އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، ވެރިކަން ހޯއްދަވަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކޯލިޝަނުގެ ލީޑަރުންނަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަސް ވިދާޅުނުވާ ބޭފުޅުން ނޫން ކަމަށެވެ. އަދުރޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީ އޮތީ ހުޅުވާލެވިފައި ކަމަށާއި، ވަޑައިގެން ޕާޓީގެ ލީޑަރަޝިޕަށް ވާދަކުރައްވަންވެސް ފުރުޞަތު އޮންނާނެ ކަމަށެވެ.
“އަޅުގަނޑުމެން މަރުޚަބާ ކިޔަން، ކޮންމެ ބޭފުޅަކަށްވެސް މަރުޚަބާ ކިޔަން. ދެ ޕާޓީ އޮތީ ހުޅުވާލެވިފައި، ވަޑައިގަންނަވަންވީ، ވަޑައިގެން ހަމަ ވާދަކުރައްވަންވީ، ވާދަކުރައްވައިގެން ލީޑަރޝިޕަށްވެސް ވަޑައިގަންނަވަންވީ، އަދި ރިޔާސީ ޓިކެޓް ހޯއްދަވާ ހިސާބަށް ދިޔައީމަ އެކަމުގައިވެސް ޕާޓީގެ އުޞޫލުގެ ތެރެއިން މަސައްކަތް ކުރައްވަންވީ.” އުމަރު ގުޅިވަޑައިގަތުމާ ގުޅުވައިގެން އަދުރޭ ވިދާޅުވިއެވެ.
މީގެ ކުރިން އުމަރުވަނީ ޕީޕީއެމް ލީޑް ކުރެއްވުމާ ގުޅޭގޮތުން ރައީސް ޔާމީނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ރައީސް ޔާމީން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ