އަންނަ އަހަރު ބައެއް ތަކެތިން އިންޕޯޓު ޑިއުޓީ ކަނޑާލަނީ

އަންނަ އަހަރު ބައެއް ތަކެތިން އިންޕޯޓު ޑިއުޓީ ކަނޑާލަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓަރު މިކަން ހާމަކުރެއްވީ މިރޭ ބޭއްވުނު ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައެވެ.
ނަމަވެސް އިމްޕޯޓު ޑިއުޓީ ކަނޑާލަނީ ކޮންތަކެއްޗަކުންކަމެއް ހާމައެއް ނުކުރައްވައެވެ.
މިނިސްޓަރު ވިދާޅުވީ، އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބޭނުންވާ އިސްލާހުތަކާއެކު ވަރަށް އަވަހަށް ބިލެއް ހުށަހަޅާނެކަމަށެވެ. އަދި އިންޕޯޓު ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ތަކެތި އެ ކޮމެޓީއަށް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.
"އިންޕޯޓު ޑިއުޓީ ނެގޭ ވަރަށް ގިނަ އެއްޗެހިން އަޅުގަނޑުމެން ޒީރޯ ރޭޓަށް ބަދަލުކޮށްފިން މިހާރު. އެއްޗެހީގެ ޑީޓެއިލްވެސް އަޅުގަނޑު މާލިއްޔަތު ކޮމެޓީއާ ހިއްސާކޮށްލާނަން. ޒޯރޯ ރޭޓަށް މި ގެނެވެނީ ކޮންކޮން އެއްޗެހިތަކެއްތޯވެސް. އިންޕޯޓު ޑިއުޓީ އެއްބައި އެއްޗެހިތަކުން އަޅުގަނޑުމެން އިތުރުކުރަނީ. އަނެއްބައި އެއްޗެހިން،" މިނިސްޓާ ވިދާޅުވިއެވެ.
މިނިސްޓާ ވުދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.5 ޕަސަންޓު ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ގޮތުން ކޮންމެ ސިނގިރޭޓަކުން އިތުރު އެއް ރުފިޔާ ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ވާހަކަ ހިމަނާފައިވަނީ އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހިމަނާފައިވާ އާ ކަންކަމުގެ ބައިގަ އެވެ. ކަސްޓަމްސް އިން ނަގަމުންދާ އިމްޕޯޓް ޑިއުޓީއާއި ބައެއް ފީތަކަށް ބަދަލުތަކެއް ގެނެސްގެން އިތުރު އާމްދަނީ ހޯދުމަށް ހިމަނާފައިވާއިރު ވަކި ބާވަތަކުން ނަގާ ޓެކްސް އެންމެ ބޮޑުކޮށް ނަގަން ނިންމާފައިވަނީ ސިނގިރޭޓުންނެވެ.
ސިނގިރޭޓެއްގެ ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 2 ރުފިޔާ އެވެ. އެހެންކަމުން ސިނގިރޭޓަކުން އިތުރަށް ނަގަން ނިންމާފައިވާ އެއް ރުފިޔާއާ އެކު ސިނގިރޭޓް ފޮއްޓަކުން 20 ރުފިޔާ ބޮޑުވާނެ އެވެ.
ކަސްޓަމްސް އިން ނަގަމުންދާ ފީތަކާއި އިމްޕޯޓް ޑިއުޓީތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން މިބައިތަކުން 558 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހިމަނާފައިވާ އާ ކަންތައްތައް ތަންފީޒުކޮށްގެން 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެ ކަމަށްވެސް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހިމަނާފައިވާ އާ ކަންކަމަކީ ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމުގެ އިތުރުން ރިސޯޓު ހެދުމަށް އަލަށް ދޫކުރާ ރަށްތަކުން ލިބޭ އެކުއިޒިޝަން ކޯސްޓާއި، އިންކަމް ޓެކްސް ނެގުމާއި، އެއާޕޯޓް ސާވިސް ޗާޖުގެ އިތުރުން ބިދޭސީންގެ ކޯޓާ ވިއްކައިގެން ލިބޭ އާމްދަނީ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 37.54 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ