ޅެންވެރިކަމަކީ ޒުވާނުން ހެޔޮމަގަށް އަޅުވައި ޤައުމީ ޖަޒުބާތު ހިތްތަކުގައި އުފައްދާ އެއްޗެއް- ނާއިބްރައީސް

ޅެންވެރިކަމަކީ ޒުވާނުން ހެޔޮމަގަށް އަޅުވައި ޤައުމީ ޖަޒުބާތު ހިތްތަކުގައި އުފައްދާ އެއްޗެއް ކަމަށްވުމުން އެފަންނު ކުރިއރުވައި އާލާކުރުމަކީ އިތުރު މަސައްކަތަކާއި ހިތްވަރާއެކު ވެސް ކުރަންޖެހޭނެކަމެއްކަމަށް ނާއިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނާއިބްރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް މ. ދިއްގަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.
ޅެނެވެރިކަމަކީ އަދަބިއްޔާތުގެ މުއަސަދިކަން ރަމްޒުކޮށްދޭ ފަންނެއް ކަން ނާއިބްރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެއީ އިންސާނާގެ އެންމެ ފުންއިޙްސާސްތަކާ ގުޅިފައިވާ ފަންނެއްކަންވެސް ފާހަގަކުރެއްވިއެވެ. ދަސްކޮށްގެން ޅެން ހަދާ މީހުންނަށްވުރެ ދުނިޔޭގައި ގިނައީ އުފެދުމުގައިވެސް އެހުނަރު ހުރެގެން ޅެންވެރިކަން ކުރައްވާ ބޭފުޅުން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ޅެންވެރިކަމުގެ ގުލްޒާރުންވެސް އެފަދަ އެތައް ބޭފުޅުންނެއް ފެނިފައވާކަން ފާހަގަ ކުރެއްވިއެވެ. އެފަދަ ބައެއް ޅެންވެރިންގެ ނަންފުޅުތައް ވެސް ނާއިބްރައީސް ފާހަގަ ކުރެއްވިއެވެ.
ފޮޓޯ ވީޑިއޯތައް ނެގިފައިނުވާ އެވޭލާ ޒަމާނުގެ ކަންކަން އެނގިގެން ދަނީ ވެސް ޅެމާއި ރައިވަރާއި ފަރިހި ފަދަ ތަކެތިން ކަން ނާއިބްރައިސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ތަކެތިން ވަތަނީ ރޫޙާއި ޤައުމީ ޖޯސް އުފައްދައިދޭކަން ފާހަގަ ކުރެއްވިއެވެ.
ޅެންވެރިންގެ ދުވަސް އެ ޅެންވެރިއަކަށް ތަޚްޞީސްކުރެއްވި ޅެންވެރިޔާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުޞައިންގެ ޚިދުމަތް ފާހަގަ ކުރައްވާ ނާއިބްރައީސް ވިދާޅުވީ، އެއީ ތަފާތު އެކި ރޮނގު ރޮނގުން ޤައުމީ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ދިއްގަރުހެ ފަޚުރުވެރި ދަރިއެއްކަމަށެވެ. އެތައް ފިލާވަޅުތަކެއް ލިއްބައިދޭ ޅެންތަކެއް ޢަބްދުއް ރަޝީދު ހައްދަވައިފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އެޅެންތަކުން ދެއްވައިފައިވާ ފިލާވަޅުތަކުގެ ބޭނުން ހިފައިފިނަމަ މުސްތަޤްބަލު އުޖޫލާކުރެވޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ނާއިބްރައީސް ފައިސަލް ވިދާޅުވީ ޢަބްދުއްރަޝީދުގެ "އިލާހީ  މިބިން ކުރައްވާށި އަމާން..." އަކީ އެމަނިކުފާނުގެ އާއިލާއާ، ޚާއްޞަ ގޮތެއްގައި އެމަނިކުފާނުގެ ދަރިފުޅަށް ވަރަށްކަމުދާ ޅެމެއްކަމަށެވެ. ރާއްޖެއިން ބޭރުގެ މުބާރާތެއްގައި އެލަވަ ވިދާޅުވެގެން އެމަނިކުފާނުހެ ދަރިފުޅަށް ވަނައެއް ލިބިވަޑައިގެންނެވިކަން ފާހަގަ ކުރެއްވިއެވެ.
ޅެންވެރިންގެ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރަން ނިންމެވީތީ، ރައީސް މައުމޫނަށް ވެސް ނާއިބްރައީސް ޝުކުރު އަދާކުރެއްވިއެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވިކަމަށްޓަކާ ނާއިބްރައީސަށް ވަނީ ހަދާނީ ފިލާއެއް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ