ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކަމުން މަންފާ ހޯދާ ފަރާތްތަކުން ގޮންޖެހުންތައް ކުރިމަތިކުރޭ: މިނިސްޓަރު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެކަމުން މަންފާ ހޯދައިގެން އުޅޭ ފަރާތްތަކުން ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 63000 އަށް އަރާނެ ކަމަށް މި ސަރުކާރުން ބުނާއިރު، އެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އެގޮތުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފައެވެ.
އޭގެ ތެރެއިން ބިދެސީން ގެނައުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމާއި ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ. ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅަކީ ރާއްޖޭގައި ގަަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމެވެ.
އެ މަސައްކަތާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ވިޔަފާރިވެރިން ބޭނުންވާ ބިދޭސީން ފަސޭހައިން ނުލިބޭ މައްސަލަ އާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުމެއްނެތި ގިނަވަމުންދާ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވެސް ކަންބޮޑުވުން ފާޅުކުރެއްވި މައްސަލައެއް ކަމަށެވެ.
އެގޮތުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެކަން ހައްލުކުރުމަށް އެދުނު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ވާހަކައަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫން ކަމަށާއި މިއީ މި ސަރުކާރުން ސީރިއަސްކޮށް ހައްލުކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އެ އިތުބާރު ދިނުމަށްޓަކައި، ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަން ވިދާޅުވެފައިވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވަނީ އެކަން ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ވަސީލަތްތައް މަދު ވުމާއި ވަސީލަތްތައް ހޯދަން ހުރި ދަތިތަކުގެ އިތުރުން ކަމަށް އެކަށީގެންވާ ޓެކްނޮލޮޖީ ވެސް ނެތުމުގެ ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި އެނގޭތޯ. އަޅުގަނޑަށް ވެސް އޭރު ހީކުރި ވަރަށްވުރެ ވެސް މާދަތި އުދަނގޫ އަދި މީގެ ތެރޭގައި އެތައް ބަޔަކަށް މަންފާތަކެއް ލިބެމުންދިޔަ ކަމަކަށްވާތީވެ، އެފަރާތްތަކުގެ ގޮންޖެހުންތައް އަޅުގަނޑުމެންނަށް، މިކަން ހައްލުކުރަން ކުރާ ކޮންމެ ސްޓެޕަކަށް ހުރަސް އެޅޭ ގޮތަށް ކަންކަން އެބަހުރޭ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓެއް ނޯންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެހެންކަމުން ހުރިހާ ބިދޭސީން ބޯޓަކަށް ލާފައި ގައުމަށް އަނބުރާ ފޮނުވާލެވޭކަށް ވެސް ނެތް ކަމަށެވެ. އަދި ޕާސްޕޯޓު އަވަހަށް ހެއްދެން ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ