އަރަބިއްޔާ ސްކޫލް އަޅަން ބާ ޖަމާލުއްދީން އިމާރާތް ތަޅާ ނިމޭނީ 10 ސެޕްޓެމްބަރަށް

އަރަބިއްޔާ ސްކޫލް އަޅުމަށްޓަކައި ބާ ޖަމާލުއްދީން ހުރި އިމާރާތް ތަޅައި ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އާ އަހަރު ފެށެން ދެ ދުވަހަށް ވެފައިވާ އިރު، އަރަބިއްޔާ ސްކޫލް ނުނިމޭ މައްސަލައަކީ އެ ސްކޫލުގެ ބެލިނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިހާރު އަރަބިއްޔާ ސްކޫލްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ އިމާރާތް ތަޅާ ނިމެނޭ ކަމަށާއި، އެހިސާބުން އަރަބިއްޔާ ސްކޫލް އިމްރާތް ކުރުމުގެ ކަންކަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމާ އެކު އެކަމަށް ހޭދަވާނީ 420 ދުވަސް ކަމަށާއި، އެ މުއްދަތު ތެރޭގައި އެ ސްކޫލްގެ އިމާރާތް އެކީ ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މިހާރު ބާ ޖަމާލުއްދީން ހުރި އިމާރާތް ތަޅަމުން އަންނަ އިރު، އެ އިމާރާތް ތަޅާލަން ހަވާލުކޮށްފައި ވަނީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ދައުލަތުގެ ބަޖެޓުން 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް އެކުންފުނިން ކުރަނީ 75 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
1000 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔަ (އަމީނިއްޔާ ކުރިމަތީގައި ހުރި އިމާރާތް) އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ