ކޯޓުތަކުން މީހުން ދޫކުރަމުން ދަނީ ގާނޫނީ ބިންގަލެއް ނެތި: އުމަރު
ޖިނާއީ ކުށްތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުށްވެރިން ޝަރުއީ ކޯޓުތަކުން ދޫކުރަމުން ދަނީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ ދާދިފަހުން ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އެ ދެ މީހުން ކޯޓުން ދޫކޮށްލުމާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު ގޭ ބަންދަށް ކޯޓުން ބަދަލު ކުރުމާ ގުޅިގެން "ސަން" އާ މިއަދު ވާހަކަދައްކަވަމުން ނެވެ. "އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ލޯޔަރުންނަށް މި މައްސަލަތައް ފާހަގަ ކުރެވެނީ އެއްވެސް ބޭސިސްއެއް ނެތް އާގިއުމަންޓެއްގެ ގޮތުގައި،" އުމަރު ވިދާޅުވި އެވެ. ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ކޯޓުތަކުން އެފަދަ ގޮތަކަށް އަމަލު ކުރަމުންދާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް މި ހަފްތާގައި ފޮނުވާނެ ކަމަށެވެ. "ކޯޓުތަކުން އެގޮތަށް ކުށްވެރިން ދޫކުރަމުންދާތީ މުޖުތަމައުގެ އަމަން ބަލަހައްޓަން ވަރަށް އުނދަގޫވޭ. އެފަދަ ބޮޑެތި ކުށްވެރިން ފުލުހުން ހައްޔަރު ކުރަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ލީގަލް ޓުރެއިނިން ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން މައްސަލަތަކުގައި ގޮތް ނިންމަވާ އިރު މުޖުތަމައުގެ އަމަނަށް ބަލަންޖެހޭނެ ކަމަށެވެ. "އެ ފަނޑިޔާރު ވިސްނައިވަޑައިގަންނަވަން ޖެހޭނެ ތިމަންނާގެ ފައިސިލާގެ ސަބަބުން މުޖުތަމައުއަށް އަންނާނީ ކޮންކަހަލަ ގެއްލުމެއްތޯ. އަޅުގަނޑަށް ހީވަނީ ބޮޑަށް އެކަމަށް ފައިސިލާ ނުކުރެއްވޭތީހެން މިހެން ދިމާވަނީ." މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ