އަރުޝަދު ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކޮށްފި

ދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓުމަންޓުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ދޫކޮށްލާފައިވަނިކޮށް، އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
އޭނާ ކޯޓުން ދޫކޮށްލީ އިއްޔެ އެވެ.
ފުލުހުން އިއްޔެ ވިދާޅުވީ، އަރުޝަދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެމެންދުރު 12:00ގައި ކޯޓަށް ހާޒިރު ކުރުމަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރުމެވެ.
ޕީޖީ އޮފީހުން މިއަދު ވިދާޅުވީ، އަރްޝަދުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކަމަށާއި، އެ މައްސަލާގައި އޭނާގެ ބަންދުގެ މުއްދަތު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އަރްޝަދުއަކީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގައި ހިމެނޭ އެކަކެވެ. އޭނާއެކު ޖުމްލަ 9 މީހަކު ހައްޔަރުކުރިއެވެ.
ފުލުހުން ވިދާޅުވީ، އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ އަރުޝަދު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ ބޮޑެއް ކަމަށް ވެސް ބުންޏެވެ. އެ މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި،އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ނަން މަތީގައި ހުޅުވާފައިވާ އެކައުންޓެއްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށާއި އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ފުލުހުން ވަނީ އެ އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ