ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ފަށައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާތީ މިހާރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި ވަނީ އަމަލު ކުރަން ފަށާފައެވެ.
މިއުސޫލުގެ ދަށުން ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާންޖެހޭނެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.
އުސޫލު ބުނާ ގޮތުން ވީޑިއޯ ކޮންފަރެންސް ކަމުގައި ވިއަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާއްމު އުސޫލުންނެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގައި، ކައިވެނިކުރާ މީހުންނަށް ކޯޓުން ދޭނީ ހާއްސަ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ މެއިލް ނުވަތަ ސޯޝަލް މީޑިއާ ވަސީލަތެއް މެދުވެރިކޮށެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން މި ފެށީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި މާލެ ސަރަހައްދު ފުރަބަންދު (ލޮކްޑައުން) ކުރުމާއި ގުޅިގެން ކައިވެނިތައް ކުރުން ހުއްޓި، އެކަމުގެ ކަންބޮޑުވުން ބައެއް މީހުން މީސް މީޑިއާގައި ފާޅު ކުރަމުން ދަނިކޮށެވެ.
ފެމެލީ ކޯޓުން މީގެ ކުރިން ވަނީ އެކޯޓުން ދޭ ބައެއް އެހެނިހެން ޚިދުމަތްތައް ވެސް އޮންލައިންކޮށް ދޭން ފަށާފައެވެ.
ވީޑިއޯ މެދުވެރިކޮށް ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ