ރާއްޖޭގައި ނެގި ޑޮކިއުމެންޓްރީއާ ގުޅުން ހުރި ދިވެހިންގެ މައްސަލަ ޝަރީއަތަށް ފޮނުވާނަން: އުމަރު
ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް ބުނެ ޖަރުމަންގެ ގައުމީ ޓީވީ، އޭއާރުޑީން ހެދި ޑޮކިއުމެންޓްރީއާ ގުޅުން ހުރި ދިވެހިންގެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރަން ޝަރީއަތަށް ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ޓެރަރިސްޓުންގެ ސުވަރުގޭ"ގެ ގޮތުގަައި ރާއްޖެ ސިފަކޮށް ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި "ހަވީރާ" ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖަރުމަނުގެ ޓީވީ ކުރޫއާ ހަވާލުވެ އުޅުނު ދިވެހި އެޖެންޓުންންނަށް އެހީތެރިވި މީހުންގެ މައްސަލަ ބަލަން މިހާރު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި ޓީވީ ކްރޫ ރާއްޖެ އައިސް، ބައެއް ދިވެހިންނަށް ފައިސާ ދީގެން، އައިއެސްއާ އެއްކޮޅަށް ވާހަކަ ދައްކައި އިންޓަވިއު ހޯދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ކުރިން ލިބިފައިވެ އެވެ. އެހެންވެ ދިވެހި ފުލުހުން އައީ ޓީވީ ކުރޫ އަށް ފާރަލަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ އައި ކްރޫން ހިފަހައްޓައި ޑީޕޯޓްކޮށްލަން އުޅުނުއިރު ނަގާފައިވާ މަންޒަރުތަކެއް. މިނިސްޓަރު ވިދާޅުވީ "ދުނިޔޭގެ ކިތަންމެ ވަރުގަދަ ބަޔަކު" ވިޔަސް ރާއްޖެ އައިސް ރާއްޖޭގެ އަގު ވައްޓާލައި، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަން އުޅޭ ނަމަ ކުރިމަގުގައި ވެސް އެކަން ހުއްޓުވާނެ ކަމަށެވެ. "އެގޮތަށް ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ޓީވީ ޗެނަލަކަށް ވެސް، ރޭޑިއޯ ޗެނަލަކަށް މަސައްކަތް ނުކުރެވޭނެ. އަދި އެކަމުގައި ދިވެހިން ބައިވެރިވެއްޖިއްޔާ އެމީހުންނަށް ގާނޫނީ އަދަބު ވެސް ދޭނެ. އެކަހަލަ ކަންްތައް ރާއްޖޭގައި ކުރާ ކަމަށް ވަންޏާ، ކިތަންމެ ބޮޑު ޓީވީ ޗެނަލެއް ވެސް ހުއްޓުވަން އަޅުގަނޑުމެން ލަދެއް ވެސް ނުގަންނާނެ،" އުމަރު ވިދާޅުވި އެވެ. ޓްރެއިލާގެ ސްކްރީން ޝޮޓެއް: މިއީ ފުރުގާން މިސްކިތުގައި ނަމާދުކުރަނިކޮށް ނަގާފައިވާ މަންޒަރުތަކެއް ރާއްޖެ އައި ޖަރުމަނުގެ ގައުމީ ޓީވީގެ ޕްރޮޑިއުސަރު ސަންޖޭ ކުމާރު ބުނީ ރާއްޖެ އައީ ޕެރިހުގައި ނިމުނު މޫސުމާ ބެހޭ ސަމިޓާ ގުޅުވައިގެން ރާއްޖޭގެ ތިމާވެއްޓާ ބެހޭ ހަބަރެއް ތައްޔާރުކުރަން ކަމަށެވެ. އަދި އޭނާގެ އެޖެންޓަކީ ކުރިން ޓީވީއެމްގައި ވެސް މަސައްކަތް ކުރި ތޮއްޔިބު ޝަހީމް ކަމަށް ކުމާރު ބުނެފައިވެ އެވެ. ރާއްޖެ އައީ ތިމާވެއްޓާ ބެހޭ ހަބަރެއް ތައްޔާރުކުރަން ކަމަށް ކުމާރު ބުނި ނަމަވެސް، އެ ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ އެ މީހުންގެ ބޭނުމަކީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަރަކާތްތައް ރާއްޖޭގައި އޮތް މިންވަރާ ގުޅޭ ދިރާސާއެއް ހެދުން ކަމަށެވެ. ޖަރުމަން ބަހުން އެ މީހުން އާއްމުކުރި ޓްރެއިލާގައި ބުނެފައި ވަނީ ރާއްޖޭގައި ދީނީ ހައްދުފަހަނަޅާދިއުން ކަންބޮޑުވާ ދަރަޖަ އަށް އެބަ އޮތް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ސީރިއާ އަށް ޖިހާދަށް ދާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ހަނގުރާމަ އަށް ގޮސްފައިވާ ދިވެހިންގެ އަދަދު 200 އަށް އަރާނެ ކަމަށް ޑޮކިއުމެންޓްރީގައި ވަނީ ބުނެފަ އެވެ. މިނިސްޓަރު އުމަރު: ރާއްޖޭގެ އަގު ވައްޓާލައި، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ، ދުނިޔޭގެ ކޮންމެ ފަދަ ޗެނަލެއް ވިޔަސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި.---ހަވީރު ފައިލް ފޮޓޯ އެކަމަކު ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު "ހަވީރަ"ށް ވިދާޅުވީ ސީދާ ހަނގުރާމަ އަށް ގޮސް ތިބި ދިވެހިންގެ އަދަދު ވިއްސަށް ވުރެ މަދުވާނެ ކަމަށެވެ. އެކަމަކު ހަނގުރާމައިގައި ބައިވެރިވާ ދިވެހިންނާ އެކު، އެމީހުންގެ މައިންބަފައިންނާއި އަނބިން އަދި ކުދިން ސީރިއާ އަށް ގޮސްފައިވާތީ، އަދަދު 79 ގައި އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް އުމަރު ވިދާޅުވި އެވެ. އެކަމަކު ސީރިއާ އަށް ގޮސް ތިބި ދިވެހިންގެ އަދަދު 100 އަށް ވުރެ ދަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ އަކީ ޓޫރިސްޓުންނަށް ނުރައްކާ، ޓެރަރިޒަމްގެ ނުރައްކާ އޮތް ގައުމެއް ކަމަށް ދައްކަން އުޅުނު މައްސަލާގައި އިމިގްރޭޝަނުން ވަނީ، ޓޫރިސްޓް ވިސާގައި ރާއްޖޭގައި ހަރަކާތްތެރިވި އޭއާރުޑީގެ ދެކުނު އޭޝިއާ ބިއުރޯގެ ހަތަރު މީހަކު 10 އަހަރަށް ޑީޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ