ސްކޫލް ކުދިންނަށް ހާއްސަކޮށް، ބަހުގެ ހިދުމަތް ވީހާ އަވަހަކަށް ފެށޭތޯ ބަލަނީ

މާލޭގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބަހުގެ ހިދުމަތް، ކުރިން ކަނޑައަޅާފައިވާ ތާރީޚަށް ވުރެ އަވަހަށް ފެށޭތޯ ބަލަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ. "ހަވީރާ" ވާހަކަ ދަައްކަވަމުން އާ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވީ ސްކޫލް ކުދިންނަށް ހާއްސަ ބަހުގެ ހިދުމަތް ފަށަން ކުރިން ނިންމާފައި އޮތީ އަންނަ އަހަރު ކަމުގައި ވިޔަސް އެއަށް ވުރެ އަވަހަށް އެކަން ކުރެވޭނެ ގޮތެއް ކައުންސިލުން މިހާރު ބަލަމުން އަންނަ ކަމަށެވެ. ސަބަބަކީ މިހާރު އާންމު ބަސްތަކުގައި ސްކޫލް ކުދިން ވެސް ދަތުރު ކުރަން ޖެހި އަދި ގަޑިއަށް ބަސްތައް ނައުމުގެ ޝަކުވާ ވެސް އަންނަމުންދާތީ ކަމަށް އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ބަހުގެ ހިދުމަތުގައި ހުރި މައްސަލަތައް އޭގެ ކުރިން ހައްލު ކުރަން ސިޓީ ކައުންސިލުން އިސްކަންދެ އެވެ. ޝިފާ ވިދާޅުވި ގޮތުގައި ކަނޑައަޅާފައިވާ ގަޑިތަކަށް ވުރެ ލަހުން ބަސް ސްޓޮޕަށް ބަސް އަންނަ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ބަޔަކު ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން، މާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަ އެމްވީކޭގެ އިސްވެރިންނާ އެކު ސިޓީ ކައުންސިލުން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ޝިފާ ވިދާޅުވީ އެމްވީކޭ އަށް ކުރިމަތިވާ ދަތިތަކެއް އެބަހުރިކަން އެ ބައްދަލުވުމުން ފާހަގަ ވި ކަމަށެވެ. އެހެންވެ އެކަމާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ އެކު މާދަމާ އަށް އެޕޮއިންޓްމަންޓެއް ހޯދުމަށް ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ދަންނަވާފައިވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. "ފުދޭވަރެއްގެ ބޮޑެތި ބަސްތަކެއް މާލޭގައި މި ދުއްވަނީ. އެ ބަސްތައް ދުއްވާފައި ދަނިކޮށް، މިއުޅޭ ބައެއް ކުދިން ސައިކަލްތަކުގައި ގޮސް ދެމިގަންނަ ގޮތް ވެސް އެބަ ދިމާވާ ކަމަށް އެބޭފުޅުން [އެމްވީކޭ] ވިދާޅުވޭ. އެހެންވީމާ ބަސް ޑްރައިވަރުންނަށް ވެސް ވަރަށް އުނދަގޫވޭ. އަނެއްކާ ބަސް ރޫޓްގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށް ހައްލުކުރަން ބޭނުންވޭ،" ޝިފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް އައުމުން، އެކަމަކާ ގުޅޭ ފަރާތަކާ އެކު މަޝްވަރާކޮށް އެކަމަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އެމްވީކޭއާ އެކު މަޝްވަރާކޮށް އަދި އެންމެ ފަހުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ވެސް ބައްދަލުކުރަން ނިންމީ އެހެންވެ ކަމަށް ޝިފާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ