ރައްޔިތުން ބައިވެރިކޮށްގެން މިނިވަން 50 ކުލަގަދަކޮށް ފާހަގަކުރަން ރައީސް އެދިވަޑައިގެންފި

ރައްޔިތުން ބައިވެެރިކޮށްގެން މިނިވަން 50 ކުލަގަދަކޮށް ފާހަގަކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވަޒީރުންގެ އަރިހުން އެދިވަޑައިގެންފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރަން ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުން އަންނަ މަސައްކަތުގައި އެއްވެސް ދައްޗެއް ކުރިމަތިވޭތޯ ރައީސް ޔާމީން ވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އޮޅުންފިލުއްވާފައި ކަމަށެވެ. ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭޭނުންކޮށްގެން މިނިވަން 50 ކުލަގަދަކޮށް ފާހަގަކޮށްދޭން އެ ބައްދަލުވުމުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ. "މިނިވަން 50 ފާހަގަކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއްވާ ނަމަ ސަރުކާރުގެ މުއައްސަސާތަކުގައި ހުރި އެންމެހާ ރިސޯސްތަކެއް ބޭނުންކުރައްވައިގެން ވީހާ ވެސް ކުލަަގަދަ ގޮތެއްގައި ދިވެހިންނަށް މި އަންނަ ކުލަގަދަ އީދު ފާހަގަކުރެއްވުމުގައި ސަރުކާރަށް ކުރެއްވެން ހުރި ކަންކަން ކުރައްވަން އެދިވަޑައިގެންނެވި،" މުއާޒް ވިދާޅުވި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މުއާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އޭނާ ވިދާޅުވި ގޮތުގައި މިނިވަން 50 އަކީ ހަަމައެކަނި ސަރުކާރުން ފާހަގަކުރާ ކަމެއްގެ ގޮތުގައި ހެދުމަށް ރައީސް ބޭނުންފުޅެއް ނުވެ އެވެ. އެ މަނިކުފާނު ބޭނުންފުޅު ވަނީ އެއީ ހުރިހާ ދިވެހިންނަށް އަންނަ އީދެއްގެ ގޮތުގައި މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރަން ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ. މިނިވަން 50ގެ ހުރިހާ ހަރަކާތްތަކަކީ ވެސް ރައްޔިތުން ބައިވެރިވާ ރައްޔިތުންގެ ހަރަކާތެއްގެ ގޮތުގައި ހެދުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ. މިނިވަން 50 ފާހަގަކުރުމުގެ ކުލަގަދަ ހަފުލާ ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އުސް ފަސްގަނޑުގަ އެވެ. އެ ހަފުލާގައި މިނިވަން 50ގެ ޝަރަފްގެ އައްޑަނަ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އަރުވާގޮތަށް ވަނީ ނިންމައިފަ އެވެ. އަދި ރައީސް ޔާމީން ގައުމާ މުހާތަބްކުރެއްވުމަށް ފަހު އެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް ނާސިރަށް އަރުވާ ޝަރަފްގެ އައްޑަނައާ ހަވާލުވެވަޑައިގަންނަވާނީ ނާސިރުގެ ދަރިކަލުން އަހްމަދު ނާސިރުގެ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ