އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް، ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ނިންމަވައިފި

އިންޑިއާގައި މިއަދު އަވަހާރަވި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނައުމަށާއި އެ މަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަަނޑި އަށް ތިރިކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސް ޔާމީނާ އެއްބަފާ ބޭބެ ހަމީދު މިއަދު ހަވީރުކޮޅު އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓް އެޓޭކެއް ޖެހިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެކަމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ޔާމީން ވަނީ ނިންމަވާފަ އެވެ. އަދި ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. "... ހަމީދު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގަ އެވެ،" ބަޔާނުގައިވެ އެވެ. މައުމޫންގެ ސަރުކާރުގެ ދުވަސްވަރު އެޓޯލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދަށް މިދިޔަ މަހު ސްޓްރޯކެއް ޖެހިގެން ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އިތުރު ފަރުވާ ދިނުމަށް ހަމީދު ބެންގަލޫރަށް ގެންދިޔައީ މިދިޔަ މަހު 15ގަ އެވެ. އޭގެ ފަހުން އާއިލާ އިން ބުނެފައިވަނީ ކުރިއަށް ވުރެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ހަމީދުގެ ދަރިކަލުން، ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ބައްޕާފުޅު ފަހަކަށް އައިސް އުޅުއްވާފައިވަނީ އާލާސްކަންފުޅާ އެވެ. ހާއްސަކޮށް އަނބިކަނބަލުން އަވަހާރަވި ފަހުން ހާލު އެހާ ރަނގަޅު ނޫން ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ. ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ ޖުލައި 1، 2013ގަ އެވެ. ހަމީދު އެންމެ ފަހުން ސަރުކާރުގައި ހުންނެވީ ސީނިއާ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. އެ މަނިކުފާނަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ވެސް މެ އެވެ. މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ. ހަމީދު އަވަހާރަވިއިރު، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި 12 ބޭފުޅުންގެ ތެރެއިން ފަސް އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އަދި ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ